ބޯޓަކުން ކޮންޓެއިނާ އަންލޯޑް ކުރަމުން ދަނިކޮށް ކްރޭނުން ބައެއް ވެއްޓުނު ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އެކި ގުނަވަންތަކާއި ހަށިގަނޑުގެ ބައިތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ބޭނުން ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ރޭ 9:40 އެހާކަންހާއިރު ހިނގި އެ ހާދިސާގައި ނިޔާވެފައި ވަނީ ނ. ކުޑަފަރީ، ޗާނދަނީވިލާ، މުހައްމަދު ނާޝިދާއި މ. ޕެރިސްވިލާ އިބްރާހީމް ޝަރީފް އެވެ.

ފުލުހުން ކޮށްފައިވާ އިލްތިމާސްއެއްގައި ބުނެފައި ވަނީ އެމްޕީއެލް ސަރަހައްދުގައި ރޭ ހިނގި ހާދިސާގައި ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ ގުނަވަންތަކާއި ފޮޓޯ ސޯޝަލް މީޑިއާގައި އެކި ގޮތްގޮތަށް ބޭނުން ކުރަމުން ދިއުމަކީ މީހުންގެ އާއިލާތަކަށާއި ރައްޓެހިންނަށް މިދަނޑިވަޅުގައި ލިބިގެންދާނެ އިތުރު ހިތްދަތިކަމެއް ކަމަށެވެ.

އަދި އެގޮތަށް ފޮޓޯ ބޭނުން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެމްޕީއެލުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ، ކޮންޓެއިނާ އަންލޯޑް ކުރަން ހުންނަ ޝިޕް ނުވަތަ ކޮންޓެއިނާ ބާލަން ހުންނަ ކްރޭންގެ ބައެއް ފެއިލްވެގެން ކަމަށެވެ. އަދި ކްރޭން ފެއިލްވުމުގެ ސަބަބުން އޭގެ ބައެއް ވެއްޓި ދެ މީހުން ގައިގައި ޖެހުމުން ދެ މީހުންގެ ފުރާނަ ވެސް ދިޔައީ ކަމަށާއި އެއްވެސް މީހަކު ކޮންޓެއިނާގެ ދަށުނުވާ ކަމަށެވެ.