އުތުރު ކޮރެޔާއިން ނިއުކްލޔަރ ތިންވަނަ ތަޖްރިބާއެއް ކުރަން ތައްޔާރުވަމުންދާ ކަމަށް ދެކުނު ކޮރެޔާއިން ބުނެފިއެވެ. ދެކުނު ކޮރެޔާގެ ޚާރިޖީ ވުޒާރާއަށް ނިސްބަތްވާ ދިރާސާ މަރުކަޒަކުން ނެރުނު ރިޕޯޓެއް ބުނާގޮތުން އަންނަ ޖަނަވަރީމަހު އުތުރު ކޮރެޔާއިން ނިއުކްލިޔަރ ތިންވަނަ ތަޖްރިބާއެއް ކުރުމަކީ ވަރަށް ގާތްކަމެއް ކަމަށާއި މިކަމުގެ ބޭނުމަކީ އެޤައުމުގެ ނިއުކްލިޔަރ ޤާބިލްކަން އިތުރުކުރުމާއި އެޤައުމުގެ ވެރިކަމަށް އިސްކުރުމަށް ހަމަޖައްސާފައިވާ ޒުވާން ލީޑަރ ކިމް ޖޮންގ އޮން ގެ މައްޗަށް ރައްޔިތުންގެ އިތުބާރު އުފެއްދުން ކަމުގައެވެ. ކިމް ޖޮންގ އޮން އަކީ އުތުރު ކޮރެޔާގެ ޒަޢީމް ކިމް ޖޮންގ އިލް ގެ ހަގު ފިރިހެން ދަރިފުޅެވެ. އޭނާއަކީ ޢުމުރުފުޅުން އެންމެ 28 އަހަރުގެ ޒުވާނެކެވެ.


 އުތުރު ކޮރެޔާއިން 2006 ގައާއި 2009 ގައި ނިއުކްލިޔަރ ދެ ތަޖްރިބާ ކޮށްފައި ވެއެވެ. އެޤައުމުގައި ދިހަވަރަކަށް ނިއުކްލިޔަރ ހަތިޔާރު ތައްޔާރީ ޙާލަތުގައި ހުރިކަމަށް އެމެރިކާއާއި ދެކުނު ކޮރެޔާގެ ޖާސޫސީ ރިޕޯޓްތައް ބުނެއެވެ. މިދުވަސްވަރަކީ ދެކޮރެޔާގެ ދެމެދުގައި ނުތަނަވަސްކަން ބޮޑު ދުވަސްވަރެކެވެ. އުތުރު ކޮރެޔާއިން މިދިޔަ ބުރާސްފަތި ދުވަހުވަނީ ނިއުކްލިޔަރ ޙަމަލާއެއްގެ އިންޒާރު ދެކުނު ކޮރެޔާއަށް ދީފައެވެ. ރައްދުގައި ދެކުނު ކޮރެޔާއިންވެސްވަނީ އުތުރު ކޮރެޔާއިން އިސްވެ ޙަމަލާއެއްދީފިނަމަ އެޤައުމަށް ވޭންދެނިވި ރައްދެއް ދޭނެކަމުގެ އިންޒާރު ދީފައެވެ. ދެކުނު ކޮރެޔާގެ މީޑިޔާ ރިޕޯޓތައް ބުނާގޮތުން އުތުރު ކޮރެޔާއިންވަނީ ނިއުކްލިޔަރ ހަތިޔާރު ތަޖްރިބާކުރާ ޒާތުގެ ފުން ވަޅެއް ބިމުގެ އަޑީގައި ދާދިފަހުން ކޮނެފައެވެ. ދެކުނު ކޮރެޔާއިންވަނީ އުތުރު ކޮރެޔާގެ ސަރަޙައްދާ ގުޅިގައިވާ ހިސާބެއްގެ ކައިރީގައި އަސްލު ވަޒަންބޭނުންކޮށްގެން ޢަސްކަރީ ތަމްރީންތަކެއްވެސް މީގެ ދެދުވަސް ކުރިން ފަށާފައެވެ. މިކަމުގެ ސަބަބުން އުތުރުކޮރެޔާވަނީ ވަރަށްބޮޑަށް ރުޅިއައިސްފައެވެ. - ޖަވާދު