ބޯޓަކުން ކޮންޓެއިނާ އަންލޯޑް ކުރަމުން ދަނިކޮށް ކޮންޓެއިނާ ވެއްޓުނު ހާދިސާގައި ދެ މީހަކު ނިޔާވެފައި ވަނީ ކޮންޓެއިނާ އަންލޯޑު ކުރަން ބޯޓުގައި ހުންނަ ކްރޭނުގެ ބައެއް ފެއިލްވެ، ބުޅިގަނޑު އިންނަބައި ފަޅައިގެން ގޮސް އޭގެ ބަޔަކުން ޖެހިގެން ކަމަށް އެމްޕީއެލް އިން މިއަދު ބުނެފި އެވެ.

އެ ހާދިސާއާ ބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ކާގޯ ޑިވިޝަންގެ އެސިސްޓެންޓް ޖެނެރަލް މެނޭޖާ މުހައްމަދު ހާޝިމް މިއަދު ވިދާޅުވީ ރާއްޖެ އަށް އާންމުކޮށް މުދާއުފުލާ، "މޯނިންގް ވިޝިޕް" ބޯޓުން ރޭގެ ވަގުތެއްގައި މުދާ ބާލަނިކޮށް ކޮންޓެއިނާ ވެއްޓުނު ކަމަށާއި ނަމަވެސް އެ ހާދިސާގައި ދެމީހުން ނިޔާވެފައި ވަނީ ކޮންޓެއިނާގެ ދަށުވެގެން ނޫން ކަމަށެވެ.

"މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމަށް މިވަގުތު ދެންނެވެން އޮތީ ހާދިސާ ހިނގާފައި ވަނީ ކޮންޓެއިނާ އަންލޯޑް ކުރަން ހުންނަ ޝިޕް ނުވަތަ ކޮންޓެއިނާ ބާލަން ހުންނަ ކްރޭންގެ ބައެއް ފެއިލްވެގެން ކަމަށް. އެ ފެއިލްވުމުގެ ސަބަބުން އޭގެ ބައެއް ވެއްޓި ދެ މީހުން ގައިގައި ޖެހުމުން ދެ މީހުންގެ ފުރާނަ ވެސް ދިޔައީ. އެއްވެސް މީހަކު ކޮންޓެއިނާގެ ދަށެއްނުވޭ. ދެން އެކަން އެގޮތަށް ދިމާވާންވީ އިތުރު ސަބަބެއް ދެންނެވޭނީ އިންވެސްޓިގޭޝަންތައް ނިމުމުން." ނ. ކުޑަފަރީ، ޗާނދަނީވިލާ، މުހައްމަދު ނާޝިދާއި މ. ޕެރިސްވިލާ އިބްރާހީމް ޝަރީފް ނިޔާވި ހާދިސާއާ ގުޅޭ ގޮތުން ހާޝިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނިޔާވި ދެމީހުންކުރެ އެކަކު ހާދިސާ ހިނގިތަނުން ނެގި އިރު ވެސް ނިޔާވެފައިވާ ކަމަށެވެ. އަދި ދެ ވަނަ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވިންދު ހުރިކަމަށާއި ނަމަވެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ދެވަނަ މީހާ ވެސް ނިޔާވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ހިނގާ ހާދިސާތަކުން ސަލާމަތްވުމަށް ސަލާމަތީ ތަމްރީނުތަށް އަބަދުވެސް މުއައްޒަފުންނަށް ދެމުން އަންނަ ކަމަށާއި ރޭގައި ވެސް މަސައްކަތް ކުރަމުން ދިޔައީ ސަލާމަތަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މިގޮތަށް ހިނގާ ހާދިސާ ތަކުގައި އާއިލާއަށް ދިމާވާ ދަތިތަކަށް އެ ކުންފުނިން އަބަދުވެސް އެހީ ވެދޭނެކަމަށާއި މިފަހަރު ހިނގި ހިތާމަވެރި ހާދިސާގައި ވެސް އެ ނިޔާވި ދެމީހުންގެ ދަރިންނަށް 18 އަހަރުވަންދެން ނިޔާވި މީހާގެ މުސާރަ އެ ކުދިންނަށް ދޭނެ ކަމަށެވެ. އަދި މިއީ ބޯޓު ތެރޭގައި ހިނގި ހާދިސާއަކަށް ވުމުން އެފަދަ ހާދިސާތަކުގައި ލިބޭ ގެއްލުންތަކަށް ދެއްވާ އިންޝުއަރެންސް ކަވަރޭޖް ވެސް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ ހާދިސާ ހިނގިވަގުތު ކްރޭނުގައި މަސައްކަތް ކުރަމުންދިޔާ މީހާއަށް ފިޓް ޖެހުނީ ކަމަށާއި އޭނާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭނާގެ ހާލު އެހާ ސީރިއަސް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މެރިން ޕޮލިސްއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ޓީމަކުން އަންނަނީ އެ ހާދިސާ އާ ބެހޭ ތަހުގީގުތައް ކުރަމުންނެވެ.