08 Apr 2014, 13:45
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ގައުމީ އެއާލައިންކަމަށްވާ އެމިރޭޓްސްގެ މަތިންދާބޯޓެއްގައި މީހަކު އަމިއްލަ އަށް މަރުވާން މަސައްކަތްކޮށްފި އެވެ.
އަލް އަރަބިއްޔާ ނޫހުން ބުނީ މިމަހުގެ ހަތަރު ވަނަ ދުވަހު ޔޫއޭއީގެ ދުބާއީން އިންޑިއާގެ ހައިދަރުއާބާދަށް ދަތުރުކުރި އެމިރޭޓްސްގެ ބޯޓްގެ ފާހާނާގެ ތެރޭގައި މީހަކު ޒަހަމްވެފައި އޮއްވައި ފެނުނު ކަމަށް އެއާލައިނުން އިއްޔެ ބުނި ކަމަށެވެ.
އެމިރޭޓްސް އިން އަރަބިއްޔާ އަށް ފޮނުވި ސްޓޭޓްމެންޓެއްގައި ބުނެފައިވާ ކަމަށް އެ އެޖެންސީން ބުނީ ޒަހަމްވެފައި އޮތް މީހާ ފެނުނު އިރު އޭނާގެ ގައިން ވަރަށް ގިނައިން ލޭއަންނަމުން ދިޔަ ކަމަށާއި އޭނާ ފެނުނީ ބޯޓްގެ ފަޅުވެރިއަކަށް ކަމަށެވެ.
ބޯޓްގައި ދެވެން ހުރި ފަރުވާއެއް ފަޅުވެރިން އޭނާ އަށް ދިން ކަމަށާއި ހައިދަރު އާބާދަށް ބޯޓް ޖެއްސުމުން ، އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް އޭނާ ގެންދިޔަ ކަމަށް ވެސް އެއާލައިނުން ބުނެފައިވެ އެވެ.
އިންޑިއާގެ ދަ ނިއު އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ ހައިދަރު އާބާދަށް ދިޔަ އެމިރޭޓްސްގެ ބޯޓްގައި ޒަހަމްވެފައި އޮތީ މުހައްމަދު އިމްތިޔާޒު ނަމަކަށް ކިޔާ އުމުރުން 30 އަހަރުގެ މީހެއް ކަމަށެވެ. އެނޫހުން އަދި ބުނީ އޭނާ ޒަހަމްވެފައި ވަނީ ރޭޒަރު ތިލައަކުން ކަރާއި އަތް ކަފާލައިގެން އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ކަމަށެވެ.