އިމަޖެންސީ ހާލަތެއްގައި ސައިރަން އަޅާފައިދާ އެމްބިއުލާންސްތަކަށް މީހުން ޖާގަ ނުދޭކަން ފާހަގަވާ ކަމަށް ދިވެހި ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފި އެވެ.

އެސޮސައިޓީން މިހެން ބުނީ ކާރިސާއެއް ހިނގައިފި ނަމަ މީހުން ސަލާމަތް ކުރާނެ ގޮތްތައް ފަރިތަކުރުމަށް ، އެޑިއުކޭޝަން މިނިސްޓްރީއާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް( އެމްއެންޑީއެފް)ގެ ފަޔަ އެންޑް ރެސްކިއުއާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ގުޅިގެން ބޭއްވި ފަރިތަކުރުމަކަށް ފަހު ބޭއްވި ނޫސް ކޮންފަރެންސެއްގަ އެވެ.

"އެމްބިއުލެންސް އެމަޖެންސީ އަޅާފައި ދާއިރުގައި މަގުމަތިން އަޅުގަނޑުމެންނަށް ދޭންޖެހޭ އެހީތެރިކަން ހަމަ ނުލިބޭކަން ވަރަށް ބޮޑަށް ހަމަ ފާހަގަވޭ. އެމެޖެންސީ އަޅުވާފައި ދާއިރުގައި ހަމަ އެއްވެސް ވަރަކަށް ބަލައި ނުލައި ކުރިމަތީގައި ހަމަ ޕާކްކޮށްލާފައި ވާހަކަ ދައްކާލަން ތިބުމާ، ނޫނީ ހަމަ ތަން ނުދޭކަން ހަމަ ވަރަށް ބޮޑަށް ފާހަގަވެގެން ދިޔަ،" ދިވެހި ރެޑްކްރެސެންޓްގެ ފަރާތުން ވާހަކަ ދެއްކެވި އަދީލު ވިދާޅުވި އެވެ.

"މެގަ އިވަކުއޭޝަން ޑްރިލް"ގެ ނަމުގައި ބޭއްވި ޑްރިލްގައި އޮތީ އަމީނިއްޔާ ސްކޫލާއި ސެންޓަ ފޯ ހަޔަ ސެކަންޑްރީ އެޑިއުކޭޝަން( ސީއެޗްއެސްސީ) އާއި އިސްކަންދަރު ސްކޫލުން ކުދިން ނެރެގެން ރައްކާތެރި ތަނަކަށް ގެންދިއުމެވެ. ޑްރިލްގައި އަލިފާނުގެ ހާދިސާ ހިނގި ސްކޫލެއްގެ ގޮތުގައި ބެލީ އަމީނިއްޔާ ސްކޫލެވެ. އަދި ކުދިން ސަލާމަތް ކޮށްގެން ގެންދާ ތަނެއްގެ ގޮތުގައި ބެލީ ސަލްޓަންޕާކެވެ.

ޑްރިލްގައި 3384 ކުދިން ބައިވެރިކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.