08 Apr 2014, 13:07
މީހަކު މަރަން ރާވައި، ފުލުހުންނަށް ބިރު ދައްކައި ފުލުހުންގެ މަސައްކަތަށް ހުރަސް އެޅި ކަމަށް ތުހުމަތުކޮށް، ޕާކިސްތާނުގައި ނުވަ މަހުގެ ތުއްތު ފިރިހެން ކުއްޖެއްގެ މައްޗަށް ދައުވާކޮށްފި އެވެ.
މުހައްމަދު މޫސާ ހާން ނަމަކަށް ކިޔުނު މި ކުއްޖާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ފުލުހުންނާއި ހަކަތަ އުފައްދާ ކުންފުންޏެއްގެ އޮފިޝަލުން ތަކެއްގެ ގަޔަށް ގާ އުކައި ފުރައްސާރަ ކުރުމުގެ ތުހުމަތުގައެވެ. ލާހޯރުގައި އޮންނަ އެ ކުއްޖާގެ އަވަށަށް އޮފިޝަލުންނާއި ފުލުހުން ދިޔައީ އެ އަވަށުގެ މީހުން ކަރަންޓު ބިލު ނުދައްކާ ކަމަށް ބުނެ ތަންތަން ބަލައި ފާސްކުރުމަށެވެ. މި ހާދިސާގައި މޫސާ އާއި އޭނާގެ އާއިލާގެ ބައެއް މީހުންނާ އެކު އެ އަވަށުގައި ދިރިއުޅޭ 30 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އުމުރުން ނުވަ މަހުގެ ފިރިހެން ކުއްޖާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ސަބް އިންސްޕެކްޓަރެއް ކަމަށްވާ ކާޝިފް އަހްމަދު ކިޔާ މީހެކެވެ. ކާޝިފް ބުނާ ގޮތުގައި އެ އަވަށުގެ މީހުން އޭނާ ގައިގައި ތަޅާ އަނިޔާ ކުރިއެވެ. އަދި ނުވަ މަހުގެ މޫސާ ވެސް ވަނީ ގާ އުކައި، ފުލުހުންނަށާއި ތަކެއްޗަށް ގަސްތުގައި ގެއްލުންދޭން މަސަކަތްކޮށްފައެވެ.
ފުލުހުން ވަނީ އެންމެ ނުވަ މަހުގެ މޫސާ ހައްޔަރުކޮށް، ފުލުސް އޮފީހަށް ގެންގޮސް ފިންގަޕްރިންޓް ވެސް ނަގައިފައެވެ. އަދި ގިނަ ވަގުތު ތަކެއް ވަންދެން ފުލުސް އޮފީހުގައި އެނާގެ ކާފަގެ އުނގުމަތީގައި އިންނަން ވެސް މޫސާއަށް ޖެހުނެވެ.
މައްސަލަ ބެލި ފަނޑިޔާރު ވަނީ މި މައްސަލަ އަކީ ތާކުންތާކު ނުޖެހޭ މައްސަލައެއް ކަމަށް ބުނެފައެވެ. ނަމަވެސް މައްސަލަ ނުބަލައި ދޫކޮށްލުމުގެ އިހްތިޔާރު އޭނާއަށް ނެތްކަމަށް ވެސް ފަނޑިޔާރު ބުންޏެވެ. ހައްޔަރު ކުރި ދުވަހު ކަފާލާތުގެ ދަށުން މޫސާ ވަނީ ދޫކޮށްލައިފައެވެ. ނަމަވެސް މި މަހުގެ 12 ވާ ހޮނިހިރު ދުވަހު ކޯޓަށް ހާޒިރުވުމަށް އަމުރު ކުރުމަށް ފަހުއެވެ.
އުމުރުން ނުވަ މަހުގެ މޫސާ ކޯޓަށް ގެންދިއުމަށް ފަހު ދައުވާ އުފުލާފައިވާ ވާހަކަ އޭނާގެ ކާފަ މުހައްމަދު ޔަސީން ރޮއިޓާސް ނިއުސް އޭޖަންސީ އަށް ކިޔައިދިނެވެ.
“އެ ކުއްޖާ އަށް އަދި ރަނގަޅަށް ބުއްފުޅިވެސް ހިފަހައްޓާ ނުލެވޭ. ކިހިނެއް އެކުއްޖާ ފުލުހަކާ ދިމާއަށް ގާ އުކާނީ؟” މޫސާގެ ކާފަ ބުންޏެވެ.
މޫސާ ހާން ހައްޔަރު ކުރި ސަބް އިންސްޕެކްޓަރ ކާޝިފް އަހްމަދު މިހާރު ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. އަދި އޭނާ އާއި މި މައްސަލަ ރަޖިސްޓަރީ ކުރި ފުލުހުންނަށް ހަރުކަށި އަދަބު ދޭނެ ކަމަށް އެ ސަރަހައްދާ ހަވާލުވެގެން ހުރި ޗީފް މިނިސްޓަރ މުހައްމަދު ޝަހަބަޒް ޝަރީފް ވަނީ ބުނެފައެވެ.
ޕާކިސްތާނުގައި މީހެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލޭ އުމުރަކީ 12 އަހަރުން މައްޗެވެ.
https://www.youtube.com/watch?v=bWUbZcn_6TA