08 Apr 2014, 13:07
އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ސައުތެމްޓަންގެ އިނގިރޭސި ފޯވަޑް ޖޭ ރޮޑްރިގޭޒް އަށް ލިބުނު އަނިޔާއާ ގުޅިގެން އޭނާ އަށް ބްރެޒިލްގައި ބާއްވާ ވޯލްޑް ކަޕް ގެއްލިއްޖެ އެވެ.
ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ 26 ވަނަ މިނެޓްގައި ރޮޑްރިގޭޒްގެ ފައިގެ ލިގަމެންޓަށް އަނިޔާވުމުން އޭނާ ހަ މަސް ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމުގައި ސްކޭންތަކުން ދައްކަ އެވެ. އަނިޔާގެ ސަބަބުން ހަދާ ސާޖަރީގެ ސަބަބުން ދާދި ފަހުން އިނގިރޭސި ގައުމީ ސްކޮޑުން ޖާގައެއް ލިބުނު އުމުރުން 24 އަހަރުގެ ފޯވަޑުގެ ވޯލްޑް ކަޕް ހުވަފެނަށް ވަނީ ހުރަސް އެޅިފަ އެވެ.
"ރޮޑްރިގޭޒް ހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި. އެކަމަކު އޭނާގެ އުންމީދަކީ އަވަސް ފުރުސަތެއްގައި ކްލަބާއި ގުޅުމަށް،" ސައުތެމްޓަންގެ ޑިރެކްޓަރު ލެސް ރީޑް ބުންޏެވެ. "ވީހާ ވެސް އަވަހަކަށް އޭނާގެ ފިޓްނަސް ރަނގަޅުވޭތޯ އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ރޮޑްރިގޭޒްގެ ކުރިއެރުމުގައި ބައިނަލްއަގުވާމީ މެޗުތައް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ،"
މި ސީޒަނުގައި ސައުތެމްޓަން އަށް ރޮޑްރިގޭޒް ކުޅުނު މެޗުތަކުން އޭނާ ވަނީ 15 ލަނޑު ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ އިނގިރޭސި ގައުމީ ޓީމަށް އޭނާ މެޗެއް ކުޅުނީ ނޮވެމްބަރު މަހު ޗިލީއާ ދެކޮޅަށެވެ.