08 Apr 2014, 12:02
ގެއްލިފައިވާ އެމްއެޗް 370 ހޯދުމުގެ މަސައްކަތަށް މިއަދު މަގެއް ފެންނާނެ ކަމަށް އުއްމީދުކުރާ ކަމަށް އެކަމުގައި އިސްކޮށް އުޅޭ އޮސްޓްރޭލިއާ އިން ބުނެފި އެވެ.
އޮސްޓްރޭލިއާގެ އެކްޓިން ޕްރައިމް މިނިސްޓަރު ވޮރެން ޓްރަސް ވިދާޅުވި ކަމަށް ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން ބުނީ ފާއިތުވި ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ އަލީގައި މިއަދު މަގެއް ފެންނާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
"ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ މަތިންދާ ބޯޓްތަކާއި ކަނޑުބޯޓްތައް މިއަދު ބައިވެރިވާނެ. މޫސުން މިއަދު ވަރަށް ރަނގަޅު. އެހެންވީމާ ކުޑަ ދުވަސްކޮޅެއް ކުރިން ކުރި މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، މަތިންދާ ބޯޓްގެ އެންމެ ފަހު ވަގުތުކޮޅު ކަންތައްތައްވީ ގޮތް އަޅުގަނޑުމެންނަށް ހޯދޭނެ ކަމަށް އުއްމީދުކުރަމާ،" އޮސްޓްރޭލިއާގެ ސިޑްނީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަސް ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އޮސްޓްރޭލިއާގެ ކަނޑުގެ ސިފައިންގެ އުޅަނދު، އޯޝަން ޝީލްޑްގައި ހަރުކޮށްފައިވާ ޕިންގަ ލޮކޭޓަރަށް ބްލެކް ބޮސްގެ ސިގްނަލް ކަމަށް ބެލެވޭ ސިގްނަލް ދެ ދުވަސް ކުރިން ލިބިފައިވުމަކީ ލިބުނު އުއްމީދެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ބްލެކް ބޮކްސްގެ ބެޓްރީގެ ބާރު ކެނޑުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަސް ވިދާޅުވެފައި ވަނީ ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އިތުރަށް އެތައް ހަފުތާއެއް ވަންދެން ބެޓްރީގެ ބާރު ނުކެނޑި ހުރި ހާދިސާތައް ކުރިން ހިނގާފައިވާ ކަމަށެވެ.
"މިހާދިސާގައި އެހެން ވާނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަނީ." އޭނާ ވިދާޅުވެފައިވެ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މާޗްމަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.