ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅު އޮންނާނީ މިމަހުގެ 14 އިން 17 އަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް މިއަދު ވިދާޅުވީ އެދަތުރުފުޅުގައި ރައީސް ޖުމްހޫރިއްޔާ ޖަޕާނުގެ އެމްޕަރާ އަކިހީޓޯ އާއި ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ޖަޕާނު ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ އެވެ.

"ސަރުކާރުގެ އިސްވެރިން ޖަޕާނު ސަރުކާރުގެ އިސްވެރިންނާ ވާހަކަ ދެކެވި ދެ ގައުމުގެ ދޭތެރޭ އޮތް ގުޅުން ބަދަހިކުރެވިގެންދާނެ،" މުއާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދަތުރުފުޅުގައި ޖަޕާންގެ އިގްތިސާދީ ބޭފުޅުންނާއި ރައީސް ބައްދަލުކުރައްވައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ދެއްވާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މީގެ ކުރިން ޖަޕާން ސަރުކާރުގެ ރަސްމީ ދަޢުވަތަކަށް، ރާއްޖޭގެ ރައީސަކު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ތިން ފަހަރެއްގެ މަތިން ޖަޕާނަށް ޒިޔާރަތް ކުރައްވައިފައި ކަމަށެވެ.