ނިޕޯން ޕެއިންޓް އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލް ހޯދައިފި އެވެ.

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ އުމުރުފުރައިގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލް ހޯދީ، އިއްޔެ ހަވީރު ކުޅުނު ފައިނަލްގައި އިސްކަންދަރު ސްކޫލް އަތުން މޮޅުވެގެންނެވެ.

މެޗުގެ 14 ވަނަ މިނިޓުގައި ކަލާފާނު ސްކޫލަށް ލީޑު ނަގައިދިނީ ހުސެއިން ސަލާމް އަހުމަދެވެ. ނަމަވެސް އޭގެ 10 މިނިޓު ފަހުން އިސްމާއިލް ޔޫހު ރިފްއަތު ވަނީ އިސްކަންދަރު ސްކޫލަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިމެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނުއިރު ދެޓީމް އެއްވަރުވުމުން، މެޗުގެ ނަތީޖާ ނެރެން ޖެހުނީީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިސްކަންދަރު އަތުން ކަލާފާނު ކުރި ހޯދީ 4-2 ލަނޑުންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަލާފާނު ސްކޫލްގެ ގޯލްކީޕަރު މުޙައްމަދު ޝައުފް ރިލްވާން އެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަލާފާނު ސްކޫލްގެ ހުސެއިން ސަލާމް އަހުމަދު މުމްތާޒް އެވެ. އޭގެ އިތުރުން އޭނާ އަށް ވަނީ މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރުގެ މަގާމު ވެސް ލިބިފަ އެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ކަލާފާނު ސްކޫލްގެ އަހުމަދު އައިމަން ހޮވުނު އިރު، އެންމެ މޮޅު ފޯވަޑަކަށް ހޮވުނީ އިސްކަންދަރު ސްކޫލްގެ އިބްރާހިމް އިމްރާން އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް އިސްކަންދަރު ސްކޫލްގެ އަދުހަމް ހަސަން ހޮވުނު އިރު، ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ އެ ސްކޫލްގެ އިސްމާއިލް ޔޫހު ރިފްއަތެވެ. މުބާރާތުގެ ޕެއާ ޕްލޭ ޓީމަކަށް ހޮވުނީ ތާޖުއްދީން ސްކޫލެވެ.

މި އުމުރުފުރައިގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ކަލާފާނު ސްކޫލްގެ ހުސެއިން ސަލާމް އަހުމަދާއި، އިސްކަންދަރު ސްކޫލްގެ އިބްރާހިމް އިމްރާނާއި އިސްމާއިލް ޔޫހު ރިފްއަތު އަދި ޖަމާލުއްދީން ސްކޫލްގެ އިމްކާން އިބްރާހިމް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިމުބާރާތުގައި ހަތް ލަނޑު ކާމިޔާބުކޮށްފަ އެވެ.