އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމުން މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްތިޢުފާދެއްވުމަކީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުން މަރުޙަބާކިޔާ ކަމެއް ކަމަށް އެ ޕާޓީން ބުނެފި އެވެ. ސްޓޭޓް މިނިސްޓަރު ކަމުން ޝަހީމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެކަމަށް މަރުހަބާ ކިޔައި އަދާލަތު ޕާޓީން ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ގިނަ މެމްބަރުން ޝަހީމުގެ އެ ނިންމެވުމަށް ތަޢުރީފުކުރައްވާ ކަމަށެވެ. ޢަދާލަތު ޕާޓީން ދެކޭ ގޮތުގައި ޝައިޚު މުޙައްމަދު ޝަހީމް ޢަލީ ސަޢީދާ ޙަވާލުކުރެއްވި މަސްއޫލިއްޔަތު އެ މަނިކުފާނު ވަނީ އަމާނާތްތެރިކަމާ އެކު އަދާކުރައްވާފައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ޝައިޚް ޝަހީމް ފެނިފައި ވަނީ ޤައުމީ މަސްއޫލިއްޔަތު އުފުލުމުގައި އަމިއްލަ މަސްލަހަތަށް ވުރެ ދީނާއި ޤައުމުގެ މަސްލަހަތު އިސްކުރައްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ. ސަރުކާރުގެ އިސް މަޤާމެއްގައި ނެތަސް، ޝައިޚް ޝަހީމްގެ ޚިދުމަތް ތަނަވަސް ދާއިރާއެއްގައި ޕާޓީ އަށާއި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ޢަދާލަތު ޕާޓީން ޝައިޚު ޝަހީމާ މެދު އުފާކޮށް ފަޚުރުވެރިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ދީނަށްޓަކައި ސާބިތުކަމާ އެކު ކޮށްދެއްވި އަގުހުރި މަސައްކަތްތަކާއި ޙައްޤުބަސް ވިދާޅުވުމުގައި ކުރައްވާފައިވާ މަތިވެރި ޖިހާދަކީ ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ ވާހަކަތަކެއް ކަމަށާއި ޢަދާލަތު ޕާޓީ އޮތީ ޝައިޚު ޝަހީމާ އެކުގައި ކަމަށް ވެސް އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ޝަހީމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ވަނީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު އެވެ. އޭނާ ކުރިން ހުންނެވީ މިނިސްޓަރު އޮފް ސްޓޭޓް ފޮ ހޯމް އެފެއާޒް ކަމުގެ މަޤާމުގަ އެވެ.