08 Apr 2014, 11:28
ނޮކިއާ އިން އެ ކުންފުނިގެ އައު ފްލޭގްޝިޕް ފޯން، ނޮކިއާ ލުމިއާ 930 އިއުލާނު ކޮށްފި އެވެ.
މި ފޯން އިއުލާނުކޮށްފައި ވަނީ ނޮކިއާ އިން އެމެރިކާގެ ސެންފްރަންސިސްކޯގައި ބޭއްވި ބިލްޑް ޑިވެލޮޕާސް ކޮންފަރަންސް ގައި، މި މަހު 2 ވަނަ ދުވަހު އެވެ.
ލުމިއާ 930 ނުކުންނާނީ ނޮކިއާގެ މޮބައިލްފޯން ސޮފްޓްވެއާއަށް ނެރުނު އައު އަޕްޑޭޓް، ވިންޑޯސް ފޯން 8.1 އާއި އެކުގައެވެ. އެހެންކަމުން ލުމިއާ 930 ނުކުންނާނީ، އެޕަލްގެ ސިރި އަދި ގޫގުލްގެ ގޫގުލް ނައު އާއި ވާދަކުރުމަށްޓަކައި މައިކްރޮސޮފްޓްއިން ދާދި ފަހުން އިއުލާނު ކުރި “ކޯޓާނާ” ޑިޖިޓަލް އެސިސްޓަންޓް އާ އެކުގައެވެ.
ކަޅު، ހުދު، އޮރެންޖު އަދި ފެހި ކުލައިން ފަރުމާކޮށްފައިވާ ނޮކިއާ ލުމިއާ 930 ގައި ހުންނަނީ 5 އިންޗީގެ 1080 ޕީ ސްކްރީންއެކެވެ. އަދި ސްނެޕްޑެގަން 800 ގެ ޕްރޮސަސަރ އެއް ހުނަން އިރު، 20 މެގަ ޕިކްސެލްގެ “ޕިއޯވިއު” ކެމެރާއެއް ހުރެއެވެ. ކާލްސް ޒިއަސް ލެންސް އަކާ އެކު އަންނަ މި ކެމެރާ އަކީ މޮބައިލް ފޯން ކެމެރާ ތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ކެމެރާ ކަމުގައި ނޮކިއާ އިން ބުނެއެވެ.
“930 އަކީ ވަރަށް ފުރިހަމައަށް ފަރުމާކޮށްފައިވާ ފޯނެއް. އަދި ލުމިއާގެ ފްލޭގްޝިޕް ފޯނަކަށްވުމާ އެކު، ފޮޓޮއާއި ވީޑިއޯ ނެގުމުގައި ކުރިން ނުފެންނަފަދަ ކަންކަން ފެންނާނެ،” މައިކްރޮސޮފްޓްގެ ޑިވައިސަސް އެންޑް ސާވިސަސްގެ ވެރިޔާ ސްޓީވަން އެލޮޕް ބުންޏެވެ.
ނޮކިއާ ލުމިއާ 930 ބާޒާރަށް ނެރެން ހަމަޖެހިފައި ވަނީ ޖޫން މަހުގެ ތެރޭގައެވެ. މި ފޯނު ފުރަތަމަ ނުކުންނާނީ ޔޫރަޕް، އޭޝިއާ، މެދު އިރުމަތި އަދި އިންޑިއާގެ ބާޒާރުތަކަށެވެ. ފޯނުގެ އަގަކީ 599 ޑޮލަރެވެ.
ނޮކިއާ އިން ވަނީ ލުމިއާ 630 އަދި ލުމިއާ 635 ވެސް ވަނީ މިދިޔަ ބުދަ ދުވަހު ދައްކާލާފައެވެ. މިއީ 200 ޑޮލަރަށްވުރެ އަގުހެޔޮކޮށް ނެރެން ގަސްތު ކުރާ ދެ ފޯނެވެ. މި ދެ މޮޑެލް ނެރުމުގެ ބޭނުމަކީ ވިންޑޯސް ފޯނެއް ގަންނަން ބޭނުންވާ، ނަމަވެސް ތަންކޮޅެއް އަގުހެޔޮކޮށް ފޯނު ތަޖުރިބާ ކޮށްލަން ބޭނުންވާ އެ ފުރުސަތު ދިނުން ކަމަށް ސްޓީވަން އެލޮޕް ބުންޏެވެ.
ތަންކޮޅެއް ދަށް ސްޕެސިފިކޭޝަން ތަކަކާ އެކު ނެރޭ ލުމިއާ 630 އަދި 635 ގައި ހުންނާނީ 4.5 އިންޗީގެ ސްކްރީން އެކެވެ. ދެ ފޯނުގެ ތަފާތަކީ ލުމިއާ 630 ގައި ދެ ސިމް ލެއްވޭގޮތަށް ހުންނަ އިރު ލުމިއާ 635 ގައި އެލްޓީއީ ހުންކަމެވެ. ލުމިއާ 630 ނުކުންނާނީ 3ޖީ އާއި އެކުގައެވެ.
އެހެނިހެން ސްޕެސިފިކޭޝަން ތައް ދެ ފޯނުގައިވެސް އެއްގޮތެވެ. ލުމިއާ 930 އާއި އެއްގޮތަށް ލުމިއާ 630 އަދި 635 ވެސް އެކި ކުލަ ކުލައިން ލިބެން ހުންނާނެއެވެ. އަދި ދެ މޮޑެލް ގައި ވެސް ސްނެޕް ޑްރެގަން 400 ގެ ޕްރޮސެސަރ އެއް ހުންނަ އިރު ދެ ފޯނުގެވެސް ރެޒޮލޫޝަން ލުމިއާ 930 އަށް ވުރެ ދަށްވާނެއެވެ.
މި އަންނަ މެއި މަހު ދެ ފޯނުވެސް ބާޒާރަށް ނެރޭ އިރު ލުމިއާ 630 ލިބެން ހުނަނާނީ 159 ޑޮލަރަށެވެ. އަދި ލުމިއާ 635 ލިބެން ހުންނާނީ 169 ޑޮލަރަށެވެ.