08 Apr 2014, 11:09
ތަރައްގީ ވަމުން އަންނަ ގައުމެއްގެ ގޮތްތަކަށް ރާއްޖެ ހޭނެން ޖެހޭ ކަމަށް އިކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "ރީޖަނަލް ސެމިނާ އޮން ކޯޕަރޭޓް ގަވަނެންސް އެންޑް ކޮމްޕްލަޔަންސް"ގެ ނަމުގައި ޓްރޭޑާސް ހޮޓަލުގައި އިއްޔެ ފެށި ސެމިނާރެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ސެމިނާރު އިންތިޒާމް ކުރީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ( ސީއެމްޑީއޭ) އާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އާއި އޭޕެކް ފައިނޭޝަން ރެގިއުލޭޝަންސް ޓްރޭނިން އިނިޝޭޓިވް ގުޅިގެންނެވެ.
"ދިވެހި ރާއްޖެ ވަނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ދަރަޖައިން ގްރެޖްއޭޓް ވެފައި. އަޅުގަނޑު ގަބޫލުކުރަނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމެއްގެ ދަރަޖައިން އަރައިގެންފައިވާ ގައުމެއްގެ ދިރިއުޅުމަށް (ތަރައްގީވަމުން އަންނަ ގައުމެއްގެ ދިރިއުޅުމަށް) ރާއްޖެ ހޭނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް،" މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކުރިއަށް ދިއުމުގެ ހިތްވަރު ހުންނަން ޖެހޭ ކަމަށާއި އެކަމަށް ޓަކައި ގެންނަން ޖެހޭ މުހިއްމު އިސްލާހުތައް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން ރާއްޖެ އަކީ އިގުތިސާދީ ހަރަކާތްތައް ހިންގަން (ކުންފުނިތަކުން) ޝައުގުވެރިވާ ފަދަ ތަނަކަށް ހަދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އިއްޔެ ފެށި ސެމިނާރު ކުރިއަށް ދާނީ މިމަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ.