08 Apr 2014, 10:58
މިހާރު ކުރިއަށްދާ 20 ވަނަ ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އަންހެން އޯޕެން ސިންގްލްސްގައި ޒައިނަބް އާދަމް އަތުން ފަސޭހަކަމާ އެކު ރީމް ޝާމް މެޗު ކާމިޔާބުކޮށްފި އެވެ.
ޓެނިސް ކޯޓުގައި އިއްޔެ ކުޅުނު މެޗުގައި މާ ގިނަ އުނދަގޫތަކަކާއި ނުލައި ރީމް މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ޒައިނަބު އަތުން ރީމް ސެޓުތައް ގެންދިޔައީ 6-4 އަދި 6-2 އިންނެވެ. މެޗުގައި ރީމްގެ ފަރާތުން ވަރަށް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ އެވެ.
އިއްޔެ ވެސް ވަނީ އެކި އުމުރުފުރާތަކުގެ މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން 10 އަހަރުންގެ ދަށާއި، 12 އަހަރުން ދަށާއި 13 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 15 އަހަރުން ދަށުގެ މެޗުތަކެއް ކުރިއަށް ދިޔަ އެވެ. އޭގެ އިތުރުން ދެ ޖިންސްގެ ޑަބަލްސް އާއި ސިންގަލްސް މެޗުތަކެއް އިއްޔެ ކުރިއަށް ގޮސްފައި ވެއެވެ.
އިއްޔެ ވަނީ މެންސް އޯޕެން ޑަބަލްސް ތިން މެޗެއް ކުރިއަށް ގޮސްފަ އެވެ. ފުރަތަމަ މެޗުގައި އަހްމަދު މުބީން އާއި ރާދީ ރަޝީދުގެ ޓީމު ބަލިކޮށް އަހްމަދު އަކްރަމް އާއި މުހައްމަދު ފަޒީހުގެ ޓީމު ސެޓުތައް ގެންދިޔައީ 6-1 އަދި 6-4 އިންނެވެ. ދެވަނަ މެޗުގައި ހަސަން ޝާމް އާއި ރަބީއުގެ ޓީމު ބަލިކޮށް ސީދާ ދެ ސެޓުން އަލީ ފާރިޝް އާއި ފާއި ފަޒީލްގެ ޓީމު ކުރި ހޯދިއިރު، ޑަބަލްސްގެ ފަހު މެޗުގައި ޔޫސުފް ރިޒާ އާއި އަހްމަދު ކަލީމުގެ ޓީމުގެ މައްޗަށް އަހްމަދު މުސްތަފާ އާއި އިގްނާޒް މަންސޫރުގެ ޓީމު ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ.
މިދިޔަ ހުކުރު ދުވަހު ފެށިގެންދިޔަ މި މުބާރާތުގައި ޖުމްލަ 89 ކުޅުންތެރިން ބައިވެރިވެފައިވާ އިރު، އޭގެ ތެރެއިން 58 ކުޅުންތެރިންނަކީ ފިރިހެން ކުޅުންތެރިންނެވެ. އަދި 31 ކުޅުންތެރިންނަކީ އަންހެން ކުޅުންތެރިންނެވެ.