08 Apr 2014, 10:17
މޮސްކޯ (އެޕްރީލް 8) : ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައިގެ އެންމެ ނުރައްކާތެރި މަރްހަލާ މިއަހަރު ނިމުމުގެ ކުރިން ކަޑައްތު ކުރެވޭނެ ކަމަށް ވިދާޅުވެ ރައީސް ބައްޝާރުލްއަސަދު ވާހަކަ ދައްކަވައިފި އެވެ.
ރަޝިޔާގެ އިތާރު ތާސް ނޫސްއެޖެންސީ ބުނާގޮތުން ރައީސް ބައްޝާރު މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ ރަޝިޔާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ސަރްގީ ސިތްބަޝިން އާ ދާދިފަހުން ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކެއްގަ އެވެ. ސިތްބަޝިން އަކީ ރަޝިޔާގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާގެ އިތުރުން ރައީސް ވަލްޑިމޭރު ޕޫޓިން އަށް ލަފާއަރުއްވާ އޭނާއާ ވަރަށް އަރިސް ބޭފުޅެއް ވެސް މެ އެވެ.
ސިތްބަޝިން ވިދާޅުވީ ރައީސް ބައްޝާރު ހުންނެވީ ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ އޭނާގެ ސަރުކާރަށް ކާމިޔާބު ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އަމިއްލަ ނަފްސުގެ އިތުބާރާ އެކުގައި ކަމުގަ އެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންނަށް ސޫރިޔާ ސަރުކާރު ވައްޓާނުލެވޭނެ ކަމާއި މި އަހަރު ނިމޭހިސާބު އިދިކޮޅު ހަނގުރާމަވެރިން ބަލިވާން ފަށާނެކަމަށް ރައީސް ބައްޝާރުލްއަސަދު ދެކެވަޑައިގަންނަވާ ކަމަށް ވެސް ރަޝިޔާގެ ކުރީގެ ބޮޑުވަޒީރު ސަރްގީ ސިތްބަޝިން ވިދާޅުވި އެވެ. ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައިގާ އެގައުމުގެ ތިންބައިކުޅަ ދެބައި މުޅިން ހަލާކުވެ ވީރާނާވެފައިވާ އިރު ދޮޅުލައްކައަށް ވުރެ ގިނަ މީހުން މަރުވެ އަށް މިލިޔަނަށް ވުރެ ގިނަ މީހުން ޙާލުގައިޖެހި ރެފިއުޖީންނަށް ވެފައިވެ އެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އެގައުމުގެ ރައްޔިތުން ހަލާކުވެދާއިރު ވެސް ސޫރިޔާ ސަރުކާރުންނާއި އިދިކޮޅު ހަނގުރާމަވެރިން ވެސް ގެންދަނީ ސުލްހަވެރިކަމާ އެކު މައްސަލަ ހައްލުކުރުމަށް ދެކޮޅު ހަދަމުންނެވެ. އަދި ކޮންމެ ބަޔަކު ވެސް ދަނީ އަނެއްބަޔަކު ޢަސްކަރީގޮތުން ބަލިކޮށްލެވޭނެ ކަމުގެ އުންމީދުގައި ހަނގުރާމައާއި އަނިޔާވެރި އަމަލުތައް ކުރިޔަށްނެރެ ރައްޔިތުންގެ ވޭނާއި ކެކުޅުންތަކަށް ބެލުމެއްނެތި ހަނގުރާމަކުރަމުންނެވެ. (ރޮއިޓާސް)