08 Apr 2014, 10:05
ކިޔެވް (އެޕްރީލް 8) : ޔުކްރޭންގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ "ދޮނިތްސެކް" ޔުކްރޭނާ ވަކިވެ ރަޝިޔާގެ ދަށަށް ދާން ބޭނުންވާކަން އެ ސަރަހައްދުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުން ރޭ އިއްލާންކޮށްފި އެވެ.
"ދޮނިތްސެކް"ގައި ޔުކްރޭން ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުން ބުނީ އެސަރަހައްދު ރަޝިޔާގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމާ ބެހޭ ގޮތުން ރައްޔިތުން ދެކޭ ގޮތް ބެލުމަށް ޓަކައި ފެންނަ ނުފެންނަ ވޯޓެއް އަންނަ މޭމަހުގެ 11ގެ ކުރިން ނެގުމަށް ރާވާފައިވާ ކަމުގަ އެވެ.
އެކަމާ ގުޅިގެން ޔުކްރޭންގައި ވެރިކަންކުރާ ހުޅަނގަށް ތާއީދުކުރާ ވަގުތީ ސަރުކާރުން ބުނީ މިއީ ޔުކްރޭން ބައިބައިކޮށް ރޫޅާލުމަށް ރަޝިޔާ އަޑީގައި އޮވެގެން ރާވާފައިވާ ރޭވުމެއް ކަމުގަ އެވެ.
ޔުކްރޭންގެ ވަގުތީ ބޮޑުވަޒީރު އަރްސީނީ ޔަތިސިނިޔޮކް ވަނީ ދާދިފަހުން، ޔުކްރޭންގެ ސަރަހައްދެއް ކަމަށްވާ ކްރައިމިޔާ އެގައުމުން ވަކިކޮށް ރަޝިޔާގެ އިއްތިޙާދުގެ ބައެއްގެ ގޮތުގައި ހެދިގޮތަށް ދޮނިތްސެކް ވެސް ރަޝިޔާގެ ބައެއްގެ ގޮތުގައި ހެދުމަށް ރަޝިޔާއިން މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ޔުކްރޭންގެ އެތަށް ސަރަހައްދެއްގައި އެސަރަހައްދުތަކުގެ ރައްޔިތުން ގެންދަނީ އެގައުމުގެ އިންތިޚާބީ ރައީސް ވިކްޓަރ ޔަނަކޮވިޗްގެ ވެރިކަން މިދިޔަ ފެބްރުއަރީ މަހު ވައްޓާލުމަށް ފަހު އުފައްދާފައިވާ ވަގުތީ ސަރުކާރުގެ ދަށުގައި ތިބެން ބޭނުންނުވާކަން ހާމަކޮށް މުޒާހަރާތައް ކުރަމުންނެވެ.
މިމުޒާހަރާތަކާ ގުޅިގެން ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވަނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި މުޒާހަރާތައް ކުރަމުންގެންދާ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުން ނުކުރުމަށް ޔުކްރޭންގެ ވަގުތީ ސަރުކާރަށް ގޮވާލައްވާފަ އެވެ. ލާވްރޯވް މިގޮތަށް ގޮވާލެއްވީ ޔުކްރޭންގެ ޚާރިޖީ ވަޒީރާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަތަކުގައި ކަމަށް ރަޝިޔާގެ މީޑިޔާ ބުނެ އެވެ. އަދި ޔުކްރޭންގެ ސަރަހައްދުތަކަށް އަތްގަދަކޮށް އެތަންތަން ރަޝިޔާގެ ދަށަށް ގެނައުމުގެ ވިސްނުމެއްނެތް ކަމަށްވެސް ލާވްރޯލް ވިދާޅުވި އެވެ.
އެމެރިކާއިން ވަނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުން ހިންގަމުން ގެންދާ ވަކިވެގަތުމުގެ ހަރަކާތްތަކުގެ ތެރެއަށް ނުވަނުމަށާއި އެކަމަށް ހިއްވަރުދިނުމުގެ އަމަލެއް ނުހިންގުމަށް އެމެރިކާ އިން ރަޝިޔާއަށް އަންގާފަ އެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާން ޖީން ސެކީ ވިދާޅުވީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ދިރިއުޅޭ ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުން ހިންގަމުން ގެންދަނީ ވަކިވެގަތުމުގެ ހަރަކާތްތަކެއް ކަމަށާ އެ ހަރަކާތްތަކަށް ރަޝިޔާ އިން އެހީތެރިނުވުމަށާ ހިއްވަރު ވެސް ނުދިނުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ، ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އަށް ދަންނަވާފައިވާ ކަމުގަ އެވެ.
ޔުކްރޭންގެ އިރުމަތީ ތިން ސިޓީއެއްގައި ވަކިވެގަތުމުގެ ހަރަކާތްތަކެއް ހިންގަމުން ގެންދާއިރު ރަޝިޔާއަށް ތާއީދުކުރާ ފަރާތްތަކުންވަނީ އެސިޓީތަކުގައިވާ ޔުކްރޭންގެ ސަރުކާރުގެ ބައެއް އިމާރާތްތަކަށް ވަދެގަނެ އެތަންތަން އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ.(ރޮއިޓާސް)