ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކާޑުގެ ބާވަތްތަކަށް ސަރުކާރުން ދެމުން އަންނަ ސަބްސިޑީ ދޭ އުސޫލު ބަދަލުކުރުމަށް މަޝްވަރާކޮށްފި އެވެ.

އަގުހެޔޮކޮށް ހުރިހާ ފިހާރަތަކުން ވިއްކާ ކާޑުގެ ބަވަތްތަކުގެ ކޮންމެ ކިލޯ އަކަށް ސަރުކާރުން އެސްޓީއޯ އަށް 12 ރުފިޔާ އާއި 14 ރުފިޔާ އާ ދެމެދުގެ ސަބްސިޑީއެއް ދައްކަ އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ ކާޑުގެ ބާވަތްތަކަށް ސަބްސިޑީ ދިނުމުގައި އެތަކެތި ބޭނުންވާ ފަރާތްތަކަށް އެކަނިދޭ ގޮތަށް ހެދުމަށް އިކޮނޮމިކް މިނިސްޓްރީއަށް ލަފާއަރުވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު ލަފާ ދީފައި ވަނީ ކައުންސިލްތަކާ ގުޅިގެން ބެލުމަށް ކޮން ފަރާތްތަކަކުންތޯ ސަބްސިޑީ އަށް ބޭނުން ޖެހިފައި ވަނީ، ދެން އެ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކުގެ އެކައުންޓްތަކަށް ސަބްސިޑީ ފައިސާ ޖަމާކޮށްދިނުން، އެއަށް ފަހު އެސްޓީއޯ އިން ސަރުކާރަށް ވިއްކާއަގުގައި އާންމު ފިހާރަތަކަށް ކާޑްގެ ބާވަތްތައް ވިއްކުން،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަޝްވަރާ އިކޮނޮމިކް މިނިސްޓްރީ އަށް ދީފައިވީ ނަމަވެސް އެކަމަށް އަމަލުކުރާނެތޯ ނުވަތަ ނުކުރާނެކަމެއް އަދި ނެނގޭ ކަމަށެވެ. އަދި މިހާރު ކުރެވެމުން ދަނީ މަޝްވަރާތައްކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރާއްޖޭގައި ދޭ ސަބްސިޑީތަކުގެ ތެރެއިން ގިނަ ބަޔަކަށް ސަބްސިޑައިޒް ކޮށްފައިވާކަން ނޭނގޭ، ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީ ލިބެމުންދަނީ ހައްގު ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ރާއްޖޭގައި ކާޑު ވިއްކާ އަގު ސަރުކާރުގެ ކޮންޓުރޯލްގެ ދަށުން ހަކުރާއި ހަނޑޫ ކިލޯއެއް 4.50 ރުފިޔާ އަށް އަދި ފުށް ކިލޯއެއް 3.50 ރުފިޔާ އަށް ވިއްކުމަށް އަންގާފައިވާ އިރު އެއިގެން ކޮންމެ ބާވަތެއްގެ ކިލޯއަކަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން އެސްޓީއޯ އަށް 10 ރުފިޔާ އާއި14 ރުފިޔާ އާ ދޭތެރޭ އަގެއް ދަނީ ދަށް ކަމުންނެވެ.

ކާޑުގެ ސަބްސިޑީ އަށް ބޮޑު ހޭދައެއް ސަރުކާރުގެ ބަޖެޓުން ކުރި ނަމަވެސް އެކަން ކުރާނެ ވަކި ހަރުދަނާ އުސޫލެއް ނެތުމުން ހަގީގީ މަގުސަދެއް ހާސިލެއް ނުވެ އެވެ. އޭގެ ބަދަލުގައި ސަބްސިޑީގެ ގޮތުގައި ދިވެހިންނަށް ކުރާ ބޮޑު ހޭދަ ބިދޭސީންނަށް ވެސް ލިބެ އެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބްތަކަށް ބަލާއިރު އެކްޓިވް ވޯކް ވިސާ ގައިތިބި ކޮންމެ ބިދޭސީއަކަށް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 2،946.96 ރުފިޔާ ސަރުކާރުގެ ބަޖެޓުން ސަބްސިޑައިޒް ކުރެވެ އެވެ. ރިސޯޓްތަކުގައި ވެސް ބޭނުންކުރަނީ ސަބްސިޑި ކުރެވިފައިވާ ކާޑްގެ ބާވަތްތަކެވެ.