08 Apr 2014, 07:55
މާލޭ ގެއެއް ބަލައި ފާސްކޮށް، މަސްތުވާ ތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މަސްތުވާ ތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައިހުރި ޕެކެޓްތަކަކާއި ބަނގުރާ ފުޅިތަކަކާ އެކު ދެ މީހަކު ހައްޔަރުކޮށްފައި ވަނީ، މ. އާތަރި ކިޔާ ގެއިން ކަމަށެވެ. އަދި ރޭ 9:10 ހާއިރު އެގެޔަށް ފުލުހުން ވަދެ އެގެ ބަލައި ފާސްކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މ. އާތަރިން ރޭ ހައްޔަރުކޮށްފައި ވަނީ 27 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.
ފުލުހުން ބުނީ، މ. އާތަރި ބަލައިފާސްކުރި އިރު އެގެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒްގެ ރަބަރު ތިން ޕެކެޓާއި ކިންގް ރޮބަޓް ބްރޭންޑްގެ ހަތް ބަނގުރާ ފުޅިއާއި ހަމަ އެ ބްރޭންޑްގެ ބަނގުރާ ހުސްކޮށްފައި ހުރި 12 ފުޅިއާއި ކިޕްރިންސްކިން ބްރޭންޑްގެ ބަނގުރާ ހުސްކޮށްފައިހުރި ހަތަރު ފުޅީގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި ބަންދުކުރަން ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން އިތުރަށް ބުނީ، ފުލުހުންގެ ޑްރަގް އެންފޯރސްމަޓް ޑިޕާރޓްމަންޓުން ގެންދަނީ މި މައްސަލަ އިތުރަށް ތަޙުގީގު ކުރަމުން ކަމަށެވެ.