އިޓަލީގެ އިންޓަ މިލާންގެ ކުރީގެ ކުޅުންތެރިންގެ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ކުޅޭ މެޗުގެ ޓިކެޓް މިމަހުގެ 14 ވަނަ ދުވަހު މާކެޓަށް ނެރޭނެ ކަމަށް މިމެޗް އިންތިޒާމް ކުރާ އޭޑީއެސްއެސް ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހުގެ ހަވީރު 4:00ގައި ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

އިންޓާގެ ކުރީގެ ތަރިންގެ ޓީމު ރާއްޖެ އަށް މި ކުރާ ދަތުރު އިންތިޒާމް ކުރާ އޭޑީއެސްއެސް ޕްރައިވެޓް ލިމިޓެޑުން މިރޭ އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ ޑަރިއެކްޓަރު، ބިޒްނަސް ޑިޕޮލަޕްމަންޓް އެންޑް ފޮރިން ރިލޭޝަން އަލީ ހަމީދު ވިދާޅުވީ، ދިވެހިން ނަކީ ފުޓްބޯޅައަށް ފޯރި ނަގާ ބަޔަކަށް ވާތީވެ، ކުރިއަށް އޮތްތާގައި ވެސް އެހެން ގައުމުތަކުގެ ޓީމްތައް މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިޓަލީގެ އިންޓަ މިލާންގެ ލެޖެންޑު ޓީމް މާލެ ގެނައުމަށް ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

"އާންމުކޮށް އިޓާލިއަން ސީރިއާގެ މެޗްތަކުގެ ޓިކެޓުގެ އަގުތައް ވެސް މިއުޅެނީ 80 ޕައުންޑަށް. މިމެޗްގެ ޓިކެޓް މާކެޓަށް ނެރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 14 ގައި. މެޗުގެ ޓިކެޓްތައް ވިއްކަން ހަމަޖެހިފައި ވަނީ، ސިޑިބަރިން 500ރ. އަދި ގޮނޑިބަރިން 650ރ. އަށް. މިއީ ދިވެހިންނަށް ލިބޭނެ ރަނުގެ ފުރުޞަތެއް. ކޮންމެ ފަހަރަކު ޔޫރަޕަށް ދިވެހިންނަށް 2000 ޑޮލަރު ދީފަ މެޗް ބަލަން ދެވޭކަށްނޯވެ. މިޓީމުގައި މުޅިން ވެސް މިތިބީ ދުނިޔޭގެ ފެންވަރުގައި އެކިއެކި ޓީމްތަކަށް ކުލެފައިވާ ކުޅުންތެރިން" އަލީ ހަމީދު ވިދާޅުވިއެވެ.

އަލީ ހަމީދު ވިދާޅުވީ އިންޓާގެ ކުރީގެ ތަރިންގެ ތެރޭގައި ހިމެނޭ، މާކޯ މަޓެރާޒީ އާއި ގޯލްކީޕަރު ފްރެންޗެސްކޯ ޓޮލްޑޯ އާއި ޑޭޖާން ސްޓެންކޮވިޗް އަދި ހޮންޑޫރާސްގެ ފޯވަޑް ޑޭވިޑް ސުއާޒޯ ބައިވެރިވާ މި މެޗުގައި 8،000 ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. މެޗު ކުޅުމަށް އިންޓާގެ ތަރިންގެ ޓީމް ރާއްޖެ އަންނާނީ، މި މަހުގެ 28 ވަނަ ދުވަހު އެވެ.

މި މަހު 30 ގައި މާލެ އައިސް ދިވެހިންނާ އެކު ހާއްސަ ފޮޓޯނެގުމުގެ ކުޑަ ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އަލީ ހަމީދު ވިދާޅުވި އެވެ.

"މެޗުގެ ސްޕޮންސަރުންނާ އެކު މި މަހު 11 ވަނަ ދުވަހު ސޮއިކުރާނެ. މި މެޗަކީ ސްޕޯޓްސް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ބާއްވާ މެޗަކަށް ވުމުން، ދަނޑުގެ އިސްތިހާރު ބޯޑުތައް ވިއްކުމުގައި ރިޒޯޓްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ." މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ހަމީދު ވިދާޅުވި އެވެ.

އަންނަ މަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ޗެލެންޖްކަޕަށް ގައުމީ ފުޓްބޯޅަ ޓީމް ތައްޔާރުވާން ފަށާފައި ވާއިރު، މިމެޗަކީ ގައުމީ ޓީމަށް ވަރަށް މުހިންމު މެޗެއް ކަމަށް ވެސް އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒެއިން ވެސް ވަނީ މިރޭ ނިއުސްކޮންފަރެސްގައި ފާގަ ކުރައްވާފައެވެ.

ސަންއަށް އެނގިފައިވާ ގޮތުން މިވަގުތުން މެލޭޝިއާގެ ޕްރިމިއާ ލީގުގެ ޕީޑީއާރުއެމްއަށް ކުލެމުން އަންނަ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) މިމެޗް ކުޅުމަށް މާލެ އައުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

ދަނގަޑޭ މިވަގުތު ކުޅެމުން އަންނަ ކުލަބުން އޭނަ މިމެޗަށް ދޫކުރާނެ ކަން ވެސް ސަންއަށް މިހާރު ވަނީ ޔަގީން ވެފައެވެ.

ދަނގަޑޭ ކުޅެމުން އަންނަ ޕީޑީއާރުއެމްއިން އެއްވެސް މެޗަކުން ބަލިނުވެ ޕްރިމިއަރލީގުގެ ފުރަތަމަ ބުރުގެ މެޗްތައް މިހާރު ވަނީ ނިންމާލައިފައެވެ. އެހެން ކަމުން ދެން ދެ ވަނަ ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު ކަމަށް ވާއިރު، އަންނަ ބުދަ ދުވަހުގެ ވަގުތެއްގައި ދަނގަޑޭ މާލެ އަންނާނެ ކަން މިހާރު ވަނީ ޔަގީން ވެފަ އެވެ.