07 Apr 2014, 21:57
އެމްޕީއެލް ސަރަހައްދުގައި ބޯޓަކުން ކޮންޓެއިނާތަކެއް އަންލޯޑު ކުރަމުން ދަނިކޮށް ކޮންޓެއިނާއެއް ވެއްޓި ދެ މީހަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ 9:40 ކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ނ. ކުޑަފަރީ، ޗާނދަނީވިލާ، މުހައްމަދު ނާޝިދާއި މ. ޕެރިސްވިލާ އިބްރާހީމް ޝަރީފް ކަމަށެވެ.
އެ ދެ މީހުންގެ ތެރެއިން ނާޝިދު އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފަ އެވެ. އަދި ޝަރީފް މަރުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ.
އައިޖީއެމްއެޗުގައި ހުރި ސަންގެ ޖާނަލިސްޓު ބުނީ އެ ދެ މީހުންގެ ތެރެއިން ނާޝިދުގެ ސިކުނޑި އޮތީ ބޭރުވެފައި ކަމަށެވެ. އަދި އިތުރު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.
ބޯޓުތެރޭގައި ކެރޭން އޮޕަރޭޓް ކުރަން އިން މީހާ އަށް ކޮންޓެއިނަރު ވެއްޓުނު މަންޒަރު ފެނުމުން ވަގުތުން އޭނާ ހޭނެތިފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފަ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ނާޝިދު އާއި ޝަރީފް މަރުވީ ކޮންޓެއިނަރު އިންޑިއާގެ ބޯޓަށް އަރުވަނިކޮށް ކެރޭންގެ ވަޔަރު ކަނޑައިގެން ދިޔަ ވަގުތު، ކޮންޓެއިނަރު ބެލެންސް ކުރުމަށް އޭގެ ވަޔަރުގެ މެދުގައި ހުންނަ ބޮޑު ދަގަނޑު ބުރެއް ވިއްސައިގެން ގޮސް އެ ދެ މީހުންގެ ގައިގައި ޖެހިގެން ހިނގި ހާދިސާގަ އެވެ
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ނިޔާވި ދެ މީހުންގެ ޢާއިލާ އަށް ތައުޒިޔާ ފޮނުއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ގެ ތަރުޖަމާނު އިބްރާހީމް މުއާޒު ސަން އަށް ވިދާޅުވި އެވެ.
"މި ހާދިސާގެ މައުލޫމާތު ވަރަށް ގާތުން ރައީސް ގެންދަވަނީ ބައްލަވަމުން. އަޅުގަނޑު ވެސް މި ހުރީ އާ ސަހަރާގައި. ރައީސްގެ ތައުޒިޔާ އަޅުގަނޑު ދެ ޢާއިލާ އަށް ވެސް ދަންނަވައިފިން،" މުއާޒު ވިދާޅުވި އެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ސައޫދީގަ އެވެ.
ނާޝިދާއި ޝަރީފުގެ އާއިލާގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ކަށު ނަމާދު އޮންނާނީ މިރޭގެ ފަތިސް ނަމާދަށް ފަހު އިސްލާމީ މަރުކަޒުގަ އެވެ. އަދި ވަޅުލުމަށް ހަމަޖައްސާފައި ވަނީ އާ ސަހަރާގަ އެވެ.
އެ ދެ މައްޔިތުން މިހާރު ހިނަވާ ކަފުން ކުރުމަށްފަހު އާސަހަރާގައި މޫނު ދެއްކުން ކުރިއަށް އެބަދާ ކަމަށާއި އެ ދެ އާއިލާގެ މީހުންނާއި އާއްމުންގެ ގިނަ ބަޔަކު އެ ދެ މައްޔިތުންގެ މޫނު ބެލުމަށްޓަކައި އާސަހަރާއަށް ޖަމާވެފައިވާ ކަމަށް މި ވަގުތު އާ ސަހަރާގައި ހުރި ސަންގެ ޖާނަލިސްޓު މައުލޫމާތުދެ އެވެ.
މަރުވި ދެ މީހުންގެ ޢާއިލާ އަށް އެމްޑީއޭގެ ލީޑަރު، ނ. ކުޑަފަރީ އަށް އުފަން އަހުމަދު ސިޔާމް މުހައްމަދު ތައުޒިޔާ ފޮނުއްވައިފި އެވެ. މި ވަގުތު އާ ސަހަރާގައި ހުންނެވި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު، ނ. ކުޑަފަރީ އަށް އުފަން އަލީ މައުރޫފު ވިދާޅުވީ މީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި މި ހިތާމައިގައި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު، މަރުވި ދެ މީހުންގެ ޢާއިލާ އަށް ތައުޒިޔާ ފޮނުއްވާފައިވާ ކަމަށެވެ.
"މި ޚަބަރު ލިބުނު ވަގުތުން ފެށިގެން އަޅުގަނޑު މި އުޅެނީ ނިޔާވި ދެ މީހުންގެ އާއިލާއާ އެކުގައި. އަޅުގަނޑުމެންގެ ހެޔޮ ދުޢާ ވަނީ އެ ދެ ޢާއިލާއާ އެކުގައި،" މައުރޫފު ވިދާޅުވި އެވެ.
މި ހާދިސާގައި އަނިޔާ ލިބުނު ތިން ވަނަ މީހަކަށް އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު މީގެ ކުޑައިރުކޮޅެއް ކުރީން ސަން އަށް ވިދާޅުވި އެވެ. އެއީ އުމުރުން 42 އަހަރުގެ މީހެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް އެމީހާގެ އިތުރު މައުލޫމާތެއް ޒީނަތު ނުދެއްވި އެވެ.
ނާޝިދާއި ޝަރީފުގެ ކަށުނަމާދު މި ވަގުތު އިސްލާމީ މަރުކަޒުގައި ކުރިޔަށްދާ އިރު ވަރަށް ގިނަ އަދަދެއްގެ މީހުން މި ކަށުނަމާދުގައި ބައިވެރިވެފައިވާ ކަމަށް އެ ސަރަހައްދުގައި ހުރި ސަންގެ ޖާނަލިސްޓު އަލީ ރިފްޝާން މައުލޫމާތުދެ އެވެ.
އެމްޕީއެލްގެ ބައެއް މުވައްޒަފުން ބުނާ ގޮތުގައި، އެ ތަނުގައި ބޭނުންކުރާ ކެރޭންތައް ބާވެފައި ހުރުމުން އެ ކަމުގެ ޝަކުވާ މުވައްޒަފުން ވަރަށް ގިނައިން ކުރެ އެވެ.
ނާޝިދާއި ޝަރީފުގެ ކަށު ނަމާދަށް ފަހު ވަޅުލުމަށް ޓަކައި، އާ ސަހަރާއަށް ގެންދިޔުމަށް އެމްބިއުލާންސްގައި ދާދި ދެންމެ ނައްޓާލައިފި އެވެ.
ނާޝިދާއި ޝަރީފު ދާދި ދެންމެ ވަޅުލައިފި އެވެ.
ސަން އަށް މައުލޫމާތު ލިބިފަިއވާ ގޮތުގައި މި ހާދިސާގައި ނިޔާވި ނ. ކުޑަފަރީ ޗާންދަނީ ވިލާ މުހައްމަދު ނާޝިދުގެ ދެ ދަރީންނާއި އަންބަކު ދުނިޔޭގައި އެބަ އިނެވެ. އަދި މ. ޕެރިސްވިލާ އިބްރާހީމް ޝަރީފްގެ ތިން ދަރީންނާއި އަންބަކު އެބަ އިނެވެ.