24 Dec 2010, 14:30
އަރަބިއްޔާ މައްސަލާގައި ސަރުކާރުން އިހުމާލުވެއްޖެ ނަމަ ސަރުކާރުގެ ދީނީ ވުޒާރާގައި ތިއްބެވި އަދާލަތު ޕާޓީގެ ދެ ވަޒީރުން އިސްތިއުފާ ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފި އެވެ.
ރާއްޖޭގައި ހަމައެކަނި އަރަބި ތައުލީމް އުގަންނައިދޭ ސްކޫލް އަރަބިއްޔާއާ މެދު ސަރުކާރުން އިހުމާލްވެފައިވާ ކަމަށް ބުނެ، މަދަނީ އިއްތިހާދާއި ސިޔާސީ ހަ ޕާޓީ އާއި އަރަބިއްޔާގެ ޕީޓީއޭ އިސް ނަގައިގެން މިއަދު ސޯޝަލް ސެންޓަރު ކައިރިން ފެށި މުޒާހަރާ ސުނާމީ ބިނާ ކައިރިއަށް ނިންމާލަމުން ޝަހީމް ވިދާޅުވީ އިސްލާމް ތައުލީމުގެ ހައްގުގައި ކުރަމުންދާ މުޒާހަރާގެ އަޑު ސަރުކާރުން އަޑު އެހުމަށެވެ.
އަރަބިއްޔާ މައްސަލާގައި ސަރުކާރުން އިހުމާލުވެއްޖެ ނަމަ އަދާލަތު ޕާޓީގެ ފަރާތުން ސަރުކާރުގައި ތިއްބެވި ދެ ވަޒީރުން އިސްތިއުފާ ދެއްވުމަށް ޝަހީމް ގޮވާލެއްވި އެވެ.
އަރަބިއްޔާ ސްކޫލްގެ މައްސަލައަކީ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި އެ ސްކޫލާ މެދު އަޅުގަނޑުމެން އިހުމާލު ވުމަކީ ކުރިއަށް އޮތް ޖީލުތަކަށް އިހުމާލުވެ، އަމާނާތައް ފަރުވާ ކުޑަ ކޮށްފި ނަމަ ދިވެހި ތާރީހު އެކަމަށް ހެކިދޭނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އަރަބިއްޔާ މައްސަލާގައި ސަރުކާރަށް އަޑު އިވެންދެން މާލެ އާއި އަތޮޅު ތެރޭގައި މުޒާހަރާތައް ކުރިއަށް ގެންދިޔުމުގެ ގާބިލުކަން ދިވެހިރައްޔިތުންނަށް ލިބިގެންވާ ކަމަށާއި އެ ގޮތުގެ މަތިން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުގައި ދަރިވަރުންނަށް ލިބިދީފައިވާ ހައްގުތައް އަރަބިއްޔާގެ ދަރިވަރުންނަށް ލިބެންޖެހޭނެ ކަމަށެވެ. އަދި އަރަބިއްޔާ ސްކޫލްގެ އިމާރާތް ބިނާ ކުރަން ބޭނުންވަނީ ކުރިން ހުރި ބިމުގައި ކަމަށާއި އަރަބިއްޔާގެ ބިން ނޫން އެހެން ތަނެއްގައި ސްކޫލް އިމާރާތް ކުރާ ނަމަ އެ ބިމަށް ވުރެ ޒައްރެއްގެ މިންވަރު ވެސް ކުޑަ ނޫން ބިމެއް ހޯދައިދިނުމަށް ޝަހީމް ސަރުކާރަށް ގޮވައިލެއްވި އެވެ.
އަރަބިއްޔާގެ ގިނަ ބެލެނިވެރިންތަކެއް ބައިވެރިވި އެ މުޒާހަރާގައި އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދުގެ އިސްތުއުފާ އަށް ވެސް ގޮވާފައިވެ އެވެ.
ރައީސް އޮފީސްދޮށަށް، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ބައްދަލު ކުރައްވަން ދިޔަ ގޮތަށް އަންނަ އާދީއްތަ ދުވަހު ވެސް އަރަބިއްޔާގެ ދަރިވަރުންނާ އެކު ބެލެނެވެރިން ރައީސް އޮފީސް ދޮށަށް އެއްވާނެ ކަމަށް މުޒާހަރާގެ ބައިވެރިން އަޑު އުފުލާފައިވެ އެވެ.
ސުނާމީ ބިނާ ކައިރިއަށް މުޒާހަރާ ނިންމާލަމުން މަދަނީ އިއްތިހާދުން އިއުލާން ކޮށްފައި ވަނީ އަންނަ އާދީއްތާ ދުވަހުން ފެށިގެން ސިލްސިލާ މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މުޒާހަރާ ނިންމާލީ އަންނަ ހުކުރު ދުވަހު އަރަބިއްޔާ މައްސަލާގައި ބޮޑު މުޒާހަރާއެއް ސުނާމީ ބިނާ ކައިރީގައި ބާއްވާނެ ކަމަށް މަދަނީ އިއްތިހާދުން އިއުލާންކޮށްފަ އެވެ.