07 Apr 2014, 21:24
ލ. ކަލައިދޫގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ކުރުމަށް އަންގައި ސުޕްރީމް ކޯޓުން ގަރާރެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރުނު ގަރާރެއްގައި ބުނެފައި ވަނީ ކަލައިދޫ ގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމް ކުރުމަށް ނިންމާފައި ވަނީ އެރަށަކީ އިސްދުއާ ވަކިން އޮންނަ، މީހުން ދިރިއުޅޭ ވަކި ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ކަނޑައަޅުއްވާފައިވާއިރު، ކޯޓުތަކުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިމެ މެޖިސްޓްރޭޓް ކޯޓެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ.
ދިވެހި ދައުލަތުގެ ތިން ބާރުގެ ތެރެއިން އަދުލު އިންސާފު ގާއިމްކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓުކަމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 63 ވަނަ މާއްދާގެ ދަށުން ކަލައިދޫގައި ވަކި މެޖިސްޓްރޭޓް ކޯޓެއް ގާއިމްކުރުމަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ.
މި ގަރާރުގައި ބުނެފައިވާ ގޮތުގެމަތިން ކަލައިދޫގައި މެޖިސްޓްރޭޓް ކޯޓެއް ގާއިމްކުރެވި ހިންގެން ފެށޭނީ މި ގަރާރު އާންމުކޮށް ކަމާބެހޭ ފަރާތްތަކަށް އަންގާ ތާރީޚުން ފެށިގެންނެވެ.