ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާ ދެކޮޅަށް އިޓަލީގެ މަޝްހޫރު ފުޓްބޯޅަ ޓީމް އިންޓަ މިލާންގެ ކުރީގެ ތަރިން ހިމެނޭ ޓީމެއް ފުޓްބޯޅަ މެޗެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.

އަމިއްލަ ކުންފުންޏެއް ކަމަށްވާ، އޭޑީއެސްއެސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމްކޮށްގެން ބާއްވާ ތާރީހީ މި ފުޓްބޯޅަ މެޗު، ކުޅުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހުގެ އެއްވަނަ ދުވަހު އެވެ. މެޗު ކުޅުމަށް އިންޓާގެ ތަރިންގެ ޓީމް ރާއްޖެ އަންނާނީ، މި މަހުގެ 28 ވަނަ ދުވަހު އެވެ.

އެކުވެރިކަމުގެ މި މެޗު އިންތިޒާމް ކުރާ ފަރާތުން އެފްއޭއެމްއާ ގުޅިގެން މިރޭ އެފްއޭއެމްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނީ، މެޗު ކުޅެން ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައި ކަމަށެވެ. އަދި މެޗުގެ ޓިކެޓްތައް ވިއްކަން ހަމަޖެހިފައި ވަނީ، ސިޑިބަރިން 500ރ. އަދި ގޮނޑިބަރިން 650ރ. އަށް ކަަމަށެވެ.

އިންޓާގެ ކުރީގެ ތަރިންގެ ތެރޭގައި ހިމެނޭ، މާކޯ މަޓެރާޒީ އާއި ގޯލްކީޕަރު ފްރެންޗެސްކޯ ޓޮލްޑޯ އާއި ޑޭޖާން ސްޓެންކޮވިޗް އަދި ހޮންޑޫރާސްގެ ފޯވަޑް ޑޭވިޑް ސުއާޒޯ ބައިވެރިވާ މި މެޗުގައި 8،000 ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް އޭޑީއެސްއެސް އިން ބުންޏެވެ.

އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒެއިން ވިދާޅުވީ، އިންޓާގެ ތަރިންގެ ޓީމާ ދެކޮޅަށް ނެރޭ ގައުމީ ޓީމްގައި ކެެޕްޓަން އަލީ އަޝްފާގު ހިމެނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގައުމީ ޓީމަކީ ވަރުގަދަ ޓީމަކަށް ހައްދަވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭޑީއެސްއެސްގެ ފަރާތުން ބުނީ، އެކުވެރިކަމުގެ މި މެޗަށް ރާއްޖެ އަންނަ އިންޓާގެ ޓީމާއެކު އެ ޓީމުގެ އެގްޒެކެޓިވް މެމްބަރުންގެ ތެރެއިން 20 ބޭފުޅަކު ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި އިންޓާގެ ޕްރެޒިޑެންޓް އިންޑޮނީޝިއާގެ މަހުޖަން އެރިކް ތޯހިރު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.