07 Apr 2014, 19:45
ކާބުލް (އެޕްރީލް 7): އަފްޣާނިސްތާނުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ބުނެ މިކަން ބަލައިދިނުމަށް މިއިންތިޚާބުގައި އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ޚިޔާލުހޯދުމުގެ ވޯޓުތަކުން ދައްކާ ތިން ކެންޑިޑޭޓުން އެގައުމުގެ އިންތިޚާބުތަޚާބެހޭ ކޮމިޝަނަސް ޝަކުވާ އުފުލައިފި އެވެ.
އަފްޣާން ރިޔާސީ އިންތިޚާބުގައި އެންމެ ގާތުން ވާދަކުރައްވާނެ ކަމަށް ބެލެވިފައިވާ ތިން ކެންޑިޑޭޓުންނަކީ ކުރިން ޚާރިޖީ ވަޒީރުކަން ކުރައްވާފައިވާ ދެބޭފުޅުން ކަމަށްވާ ޒަލްމާއި ރަސޫލް އާއި އަބްދުﷲ އަބްދުﷲ ގެ އިތުރުން ކުރީގެ މާލީ ވަޒީރެއް ކަމަށްވާ އަޝަރަފް ޣަނީ އެވެ. މީގެތެރެއިން ޒަލްމާއި ރަސޫލް ވިދާޅުވީ ބައެއް ސަރަހައްދުތަކުގެ ވޯޓުފޮށިތަކުގައި އޮޅުވާލުންތައް ހުރިކަމީ ހަގީގަތެއް ކަމަށާ އެކަން ނުބަލައި ދޫކޮށްލެވެން ނޯންނާނެކަމުގަ އެވެ.
އަބްދުﷲ އަބްދުﷲ ވިދާޅުވީ ވޯޓު ކަރުދާސްކޮޅު ހުސްވުމުގެ ސަބަބުން އެތަށް ސަރަހައްދެއްގައި އެތަށް ހާސްބަޔަކަށް ވޯޓުލުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށާއި އޭގެތެރޭގައި އޭނާއަށް ތާއީދުކުރާ ގިނައަދަދެއްގެ ބަޔަކުވެސް ހިމެނޭކަމުގަ އެވެ.
އަޝްރަފް ޣަނީ ވިދާޅުވީ އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވި އޭނާގެ ޕާޓީގެ މެންބަރުންނަށް އެތަށް ސަރަހައްދަކުން ވޯޓު އޮޅުވާލަމުން ގެންދިޔަ މަންޒަރު ފެނިފައިވާ ކަމަށާއި ވޯޓު އޮޅުވާލުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމުގަ އެވެ.
އަފްޣާން ރިޔާސީ އިންތިޚާބުގައި ކުރިމަތިވި ބައެއް މައްސަލަތަކާ އެކުވެސް ޖުމްލަ ގޮތެއްގައި އިންތިޚާބު ކުރިޔަށް ގޮސްފައިވަނީ ރަނގަނޅަށް ކަމަށް ބައިނަލްއަގްވާމީ އޮބްޒާވަރުން ވަނީ ސިފަކޮށްފަ އެވެ. މި އިންތިޚާބުގައި ވޯޓު ގުނުމުގެ ކަންތައް މިހާރު ކުރިޔަށްދާއިރު ކުރީގައި އުޅެނީ ކޮން ކެންޑިޑޭޓެއްކަން އަދި ސާފުވާވަރަށް ވޯޓު ގުނިފައިނުވާ ކަމަށް ޚަބަރުލިބެ އެވެ.
އަފްޣާން ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ރައްޔިތުންގެ ތެރެއިން 58 އިންސައްތަ އަށްވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ތާލިބާނުންގެ ބިރުދެއްކުންތަކާ އެކުވެސް އަފްޣާން ރިޔާސީ އިންތިޚާބު ބޭއްވިފައި ވުމަކީ ގައުމަށް ލިބުނު ކާމިޔާބީއެއް ކަމަށް ރައީސް ހާމިދު ކަރުޒާއި ވަނީ ސިފަކުރައްވާފަ އެވެ. (ރޮއިޓާސް)