ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު ކަސްބީ އަންހެނެކާ އެކު ބަދުއަޚްލާގީ އަމަލު ހިންގިކަމަށް ބުނާ މައްސަލަ ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާއިރު އޭނާ ސަސްޕެންޑު ނުކޮށް އިންސާފްވެރިކަމާއެކު އެ މައްސަލަ ނުނިންމޭނެ ކަމަށް ބާ އެ ސޯސިއޭޝަނުން ބުނެފި އެވެ.

ބާ އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަލީ ހަމީދުގެ މައްޗަށް ކުރެވިފައިވާ "ތުހުމަތުތައް ފިލައިގެން ދިއުމުގެ" ކުރިން ފަނޑިޔާރުކަމުގައި އޭނާ ހުންނެވުމަކީ އަދުލުއިންސާފްގެ ހަމަތަކާއި ތައާރަޒްވާނެ ކަމެއް ކަމަށެވެ.

"ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނުން ބައްލަވަމުންދާއިރު އެ ފަނޑިޔާރު ސަސްޕެންޑް ނުކުރައްވައި، އިންސާފުވެރިމާއެކު އަދި ނުފޫޒެއްނެތި ތަހްގީގުކޮށް އިންސާފު ދެވިދާނެ ކަމަށް މި އެސޯސިއޭޝަނަށް ނުފެނެ އެވެ،" އެ ބަޔާނުގައިވެ އެވެ.

ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދިފައިވާ ފަނޑިޔާރަކު ޝަރީއަތްކުރުމަށް އިންނެވުމަކީ އިސްލާމީ ޝަރީއަތުގައި ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

" އިސްލާމީ ޝަރީއަތުގައި އެންމެ ކުޑަމިނުން އަދުލްވެރި ނޫން ހެއްކެއްގެ ހެކި ބަހަކީވެސް ކަމެއް ސާބިތުރުކުރުމަށް ބޭނުން ނުކުރެވޭނެ އެއްޗެއް ކަމަށްވާ ހިނދު، އަދުލުވެރިކަމާއެކު އަދި އެ ފަނޑިޔާރެގެ ނަޒާހަތްތެރިކަމާއެކު ސުވާލު އުފެދިފައިވާ ފަނޑިޔާރަކު ޝަރީއަތްކލުރުމަކީ އިސްލާމީ ޝަރީއަތުގައި ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ،" އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އަލީ ހަމީދު ސަސްޕެންޑު ކުރުމަށް ޖޭއެސްސީއަށް މައްސަލަ ހުށަހަޅާފައިވާތާ ހަތަރު މަސް ވެފައިވާއިރު އެކަމުގައި އެއްވެސް ގޮތެއް ނިންމާފައި ނުވުމަކީ އެންމެ އިންސާފްވެރި ގޮތް ނޫން ކަމަށެވެ. އެ މައްސަލާގައި އަވަސް ފިޔަވަޅުތައް އެޅުމަކީ ޝަރުއީ ދާއިރާގެ ކަރާމަތް ދެމެހެއްޓުމަށް މި ވަގުތުން ކުރެވެން އޮތް އެންމެ މުހިންމު ކަންތައް ކަމަށް ވެސް ބާ އެ އެސޯސިއޭޝަން ބުންޏެވެ.