ހިތާނު ކުރުމަކީ ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެއް ކަން ދިރާސާއަކުން އެނގިއްޖެ އެވެ.

ކެނެޑާގެ ޔުނިވަސިޓީ އޮފް މޮންޓްރިއާލް އިން ކުރި ދިރާސާއަކުން އެނގިފައިވާ ކަމަށް ޑެއިލީމެއިލް ގައި ވަނީ، ޚިތާނުކޮށްފައި ތިބޭ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ނުރައްކާ އެނޫން މީހުންނަށް ވުރެ 11 ޕަސެންޓް ކުޑަކަމެވެ. އަދި އުމުރުން 35 އަހަރު ވުމަށް ފަހު ހިތާނު ކޮށްފައިވާ ފިރިހެނުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ނުރައްކާ އެނޫން މީހުންނަށް ވުރެ 45 ޕަސެންޓް ކުޑަ ކަން ވެސް އެދިރާސާއިން ވަނީ އެނގިފައެވެ. އުމުރުން އެއް އަހަރު ވުމުގެ ކުރިން ޚިތާނުކޮށްފައިވާ މީހުންނަށް ޕްރޮސްޓޭޓް ކެންސަރު ޖެހުމުގެ ނުރައްކާ އެނޫން މީހުންނަށް ވުރެ 14 ޕަސެންޓް ކުޑަވާކަން ވެސް އެދިރާސާއިން ވަނީ އެނގިފައެވެ.

މުސްލިމުންނާއި ޔަހޫދީންގެ ތެރޭގައި ޕްރޮސްޓޭޓް ކެންސަރު މަދުކަމާއި އެއީ އެދެދީނުގެ ގިނަމީހުން ޚިތާނު ކުރާތީ ކަން ވެސް ވަނީ އެނގިފަ އެވެ.

ޕްރޮސްޓޭޓް ކެންސަރު ޖެހޭ ވަކި ސީދާ ވަކި ސަބަބެއް އަދި ވަނީ ނުހޯދިއެވެ. ނަމަވެސް އެ ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވާ ބައެއް ސަބަބު ވަނީ ފާހަގަވެފައެވެ. އެއީ އުމުރުން ދުވަސްވުމާއި އާއިލާގެ މީހަކަށް ކުރިން އެބަލި ޖެހިފައި ވުމާއި ކަޅު ނަސްލުގެ މީހަކަށް ވުމެވެ.