ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާ އިން އިންތިޒާމު ކޮށްގެން ބޭއްވި އެ ޖަމްއިއްޔާ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ބީޓޫ ސްޕޯޓްސް ހޯދައިފި އެވެ.

ބީޓޫ ސްޕޯޓްސް ޗެމްޕިއަންކަން ހޯދީ ހަނިމާދޫ ޓާފް ދަނޑުގައި ކުޅުނު ފައިނަލް މެޗުން ބޭސޮރު ޓީމު އަތުން 2-4 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބީޓޫ ސްޕޯޓްސްގެ ޖާޒީ ނަންބަރު 11 އަލީ އާމިރެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން ހޮވާ، އެ ކުޅުންތެރިންނަށް ވެސް އިނާމުދީފައި ވެއެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަހުލީ ޓީމުގެ ޖާޒީ ނަންބަރު 12 އާސިފް އަލީ އާއި ޔުނީފޯމް ޓީމުގެ ޖާޒީ ނަންބަރު 11 އާސިފް ސަލީމް އާއި އެފްސީ ބޭސޮރު ޓީމުގެ ޖާޒީ ނަންބަރު 2 ހަސަން ޝަރީފް އަދި ހަމަ އެ ޓީމުގެ ޖާޒީ ނަންބަރު 17 އަލީ އިބްރާހިމް އާއި ބީޓޫ ސްޕޯޓްސްގެ ޖާޒީ ނަންބަރު 11 އަލީ އާމިރެވެ. މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ޔުނީފޯމް ޓީމެވެ.

ހަތަރު ގްރޫޕަކަށް ބަހަލައިގެން ކުރިއަށްދިޔަ މި މުބާރާތް ކުރިއަށް ދިޔައީ މިދިޔަ މަހުގެ 29 އިން މި މަހުގެ 05 ވަނަ ދުވަހުގެ ނިޔަލަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާގެ އިނާމެއް ހުށަހަޅާފައިވާ އިރު ރަނަރަޕް ޓީމަށް 1000 ރުފިޔާގެ އިނާމެއް ލިބިފައިވެ އެވެ.

ފާއިތުވި ހަތް އަހަރު މި މުބާރާތް ބާއްވާފައި ވަނީ "ވިގާ ކަޕް" ގެ ނަމުގަ އެވެ. އެހެން ނަމަވެސް މިއަހަރު ވަނީ މުބާރާތުގެ ނަން "ހަނިމާދޫ ޒުވާނުންގެ ޖަމްއިއްޔާގެ ފުޓްސަލް" ގެ ނަމަށް ބަދަލުކޮށްފަ އެވެ. މި މުބާރާތުގެ މެއިން ސްޕޮއިންސަރަކީ ވިޒް އަދި ކޯ ސްޕޮންސަރުންނަކީ އިޔާމް ޓެކްސީ ވިގާ އެވެ.

އެންމެ ފަހުން ބޭއްވި މުބާރާތުގައި 15 ޓީމް ބައިވެރިވެފައިވާ އިރު، މި އަހަރުގެ މުބާރާތުގައި ބައިވެރިވީ 14 ޓީމެކެވެ.