07 Apr 2014, 15:17
ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު ވާދަވެރި ފިރިހެން ސިންގަލްސް މެޗުގައި އަހްމަދު މުބީން އަތުން އަހްމަދު މުސްތަފާ މޮޅުވެއްޖެ އެވެ.
ޓެނިސް ކޯޓުގައި އިއްޔެ 13 މެޗެއް ކުޅެފައިވާ އިރު، އެކި އުމުރު ފުރާތަކުގެ މެޗުތަކާއި ސިންގަލްސް އަދި ޑަބަލްސް މެޗުތަކެއް ކުރިއަށް ދިޔަ އެވެ.
ވާދަވެރި މެޗެއްގެ ގޮތުގައި އިއްޔެ ފާހަގަކޮށްލެވުނު ފިރިހެން އޯޕަން ސިންގަލްސް މެޗުން މުސްތަފާ ސެޓުތައް ގެންދިޔައީ 6-2، 4-6 އަދި 6-3 އިންނެވެ. މި މެޗުގައި މުބީން ވެސް ރަނގަޅު ކުޅުމެއް ދެއްކި އިރު، ދެވަނަ ސެޓުގައި އޭނާގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެންދިޔަ އެވެ.
މެންސް އޯޕަން ސިންގަލްސްގައި އިއްޔެ އިމްޔާން ޝާކިރު އަތުން އިގްނާޒް މަންސޫރު ފަސޭހަކަމާއެކު ސެޓުތައް ކާމިޔާބުކުރީ 6-0، 6-0 އިންނެވެ. އަދި ރަގީ ރަޝީދު އަތުން އަލީ ފާރިޝް ސެޓުތައް ގެންދިޔައީ 6-1، 6-1 އިންނެވެ.
އިއްޔެގެ ވިމެންސް އޯޕަން ސިންގްލްސްގައި ރާޔާ މަންސޫރު އަތުން ދިމްޝާ އާތިފް 6-2، 6-0 އިން ސެޓުތައް ކާމިޔާބުކުރި އިރު، ބަލްގިޝް ޖަލީލް އަތުން ޒައިނަބް އަހްމަދު އަދީމް ސެޓުތައް ގެންދިޔައީ 4-6، 6-1 އަދި 7-5 އިންނެވެ.
މިދިޔަ ހުކުރު ދުވަހު ފެށިގެންދިޔަ މި މުބާރާތުގައި ޖުމްލަ 89 ކުޅުންތެރިން ބައިވެރިވެފައިވާ އިރު، އޭގެ ތެރެއިން 58 ކުޅުންތެރިންނަކީ ފިރިހެން ކުޅުންތެރިންނެވެ. އަދި 31 ކުޅުންތެރިންނަކީ އަންހެން ކުޅުންތެރިންނެވެ.