ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ޝަރީއަތަށް ޝާބިތުވެގެން 18 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ މ. ލޮނުމިދިލިގޭ، އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގް ބޭސް ފަރުވާއަކަށް ރާއްޖޭން ފޮނުވާލަން ހުއްދަދިން ޑޮކްޓަރު ރާއްޖެ އިން ފުރުން މަނާކޮށްފި އެވެ.

އެ ޑޮކްޓަރަކީ ސަފާ ރާއްޖެ އިން ބޭރަށް ފުރުމުގެ ހުއްދަދިން، އައިޖީއެމްއެޗްގެ ކަށީގެ ޑިޕާޓްމަންޓުން ދޫކޮށްފައިވާ ލިއުމުގައި ސޮއިކޮށްފައިވާ، ދެ މީހުންގެ ތެރޭގައި ހިމެނޭ އިންޑިއާގެ ޑޮކްޓަރެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ސަން އަށް ވިދާޅުވީ ސަފާ ލަންކާ އަށް ފޮނުވާލަން ހުއްދަދިން ލިއުމުގައި ސޮއިކޮށްފައިވާ އިންޑިއާގެ ޑޮކްޓަރުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ މިދިޔަ ހަފްތާގައި ކަމަށެވެ. އަދި އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ވެސް ލުތުފީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބަލަމުން ގެންދިޔައީ ޖަލު ހުކުމެއްގައި ހުރި މީހަކު ގަވާއިދާ ހިލާފަށް ރާއްޖެ އިން ބޭރަށް ފޮނުވާލި މައްސަލަ. އެހެންވެ އެ ޑޮކްޓަރު ހިފެހެއްޓީ އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާތީ." ލުތުފީ ވިދާޅުވި އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ސަފާ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ކަމަށް އޭސީސީ އިން ބުނެފައިވާ އިރު އޭނާއަކީ 2005 އަހަރުން ފެށިގެން ރާއްޖޭއަށް ފުޅާދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކުރަމުން އަންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.