07 Apr 2014, 14:15
އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދީއްތަ ދުވަހު ލިވަޕޫލްއާ ދެކޮޅަށް މެންޗެސްޓާ ސިޓީ ނުކުންނާނީ މޮޅުވާން ކަމުގައި އެކްލަބުގެ ކޯޗު މެނުއެލް ޕެލެގްރިނީ ބުންޏެވެ.
ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލް އާއި ސިޓީއާ ދެމެދު ހަތަރު ޕޮއިންޓްގެ ތަފާތެއް އޮތް ކަމުގައި ވިޔަސް ލިވަޕޫލް ކުރީގައި އޮތީ ސިޓީ އަށް ވުރެ ދެމެޗު އިތުރަށް ކުޅެގެންނެވެ. ޕެލެގްރިނީ ބުނީ، ލިވަޕޫލްގެ ދަނޑުގައި ކުޅޭ މެޗުގައި މަސައްކަތް ކުރާނީ އެއްވަރުވާން ނޫން ކަމަށާއި އެ މެޗުން ބޭނުންވަނީ ތިން ޕޮއިންޓް ކަމަށެވެ.
"ފަހަރެއްގައި އަހަރެންގެ ވިސްނުން ގޯސްކަމަށް ވެދާނެ، އެކަމަކު އަހަރެންގެ ވިސްނުން އަބަދުވެސް ގެންގުޅޭނީ ކޯޗެއްގެ ގޮތުގައި. އެއްވަރުވާން ކުޅެފިނަމަ، ބަލިވާނެ،" އޭނާ ބުންޏެވެ. "އެހެންކަމުން ލިވަޕޫލްއާ ދެކޮޅަށް އަހަރެމެން ނުކުންނާނީ މޮޅުވާން. އަހަރެމެންނަށް އެ މެޗުން ކާމިޔާބު ލިބިއްޖެނަމަ، އެއީ ވަރަށް ރަނގަޅު ނަތީޖާއަކަށް ވެގެންދާނެ،"
މި ސީޒަނުގެ ޕްރިމިއާ ލީގުގައި ލިވަޕޫލްގެ އެޓޭކް ވަރުގަދަކަން ފާހަގަކޮށްލެވެ އެވެ. މި ސީޒަނުގައި ކުޅުނު 33 މެޗުން ލިވަޕޫލް ވަނީ 90 ލަނޑު ކާމިޔާބުކޮށްފަ އެވެ. މިކަން ޕެލެގްރިނީ ވެސް ފާހަގަކޮށްފަ އެވެ.
"ލިވަޕޫލް އަކީ ވަރަށް ރަނގަޅު ފުޓްބޯޅައެއް ކުޅޭ ބައެއް. އެ މީހުން ކުޅެނީ ބަލައިލަން ރީތި ފުޓްބޯޅައެއް، ރޭވުންތެރި ފުޓްބޯޅައެއް. މިއަހަރު އެ ޓީމަށް ކާމިޔާބު ލިބެނީ އެ ސަބަބަށްޓަކައި. އެއީ އެޓީމުން ދައްކާ އެޓޭކިންގް ފުޓްބޯޅައިގެ ސަބަބުން،" ސިޓީގެ ކޯޗު ބުންޏެވެ.