ބަޔާން މިއުނިކް އަށް މި ސީޒަނުގެ ޖަރުމަން ބުންޑަސްލީގާ މުހިންމު ނޫން ކަމުގައި އެ ކްލަބުގެ ޖަރުމަން ގޯލްކީޕަރު މަނުއެލް ނޯޔާ ބުނެފި އެވެ.

ޖަރުމަން ލީގު ކަށަވަރު ކޮށްފައިވާ ބަޔާން ވަނީ 53 ލީގު މެޗަށް ފަހު މިދިޔަ ހޮނިހިރު ދުވަހު އެފްސީ އޮގްސްބާގް އަތުން 1-0 ލަނޑުން ބަލިވެފަ އެވެ. އޭގެ ކުރިން އެ ޓީމު ބަލިވެފައި ވަނީ 2012 ވަނަ އަހަރުގެ އޮގަސްޓް މަހު ބަޔާން ލެވަކޫސަންއާ ދެކޮޅަށެވެ.

އޮގްސްބާގްއާ ދެކޮޅަށް ބަޔާން ނުކުތް އިރު، އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް ވަނީ އަރާމު ކުރުމަށް ފުރުސަތު ދީފަ އެވެ. ޗެމްޕިއަންސް ލީގުގައި އަންނަ ބުދަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ބަޔާން ނުކުންނަ އިރު، އޮގްސްބާގް މެޗަށް އަރުވާފައި ވަނީ އާންމުކޮށް ބެންޗުން ފެންނަ ކުޅުންތެރިންނެވެ.

"އެއް މުބާރާތަކުން ބަލިވާކަށް ބޭނުމެއް ނުވާނެ، ބުންޑަސްލީގާގެ މެޗަކުން ބަލިވިޔަސް އެއީ މައްސަލައެއް ނޫން. މިހާރު އަހަރެމެންނަށް އެންމެ މުހިންމީ ޗެމްޕިއަންސް ލީގާއި ޖަރުމަން ކަޕް. މުހިންމު ވާނީ މުހިންމު ކުޅުންތެރިއަކަށް އަނިޔާނުވެ ކުރިއަށް ދިއުން،" ނޯޔާ ބުންޏެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ބަޔާން ކުޅުނު މެޗު ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. ދެވަނަ ލެގަށް ބަޔާން ނުކުންނަ އިރު، ސަމާލުވުމަށް އެ ޓީމުގެ ޑިފެންޑަރުންނަށް ނޯޔާ ގޮވާލާފައިވެ އެވެ.

"ފުރަތަމަ ލެގުގައި ޑިފެންސްގެ މައްސަލަތަކެއް ފެނިގެންދިޔަ. އަހަރެންގެ ކުރިން ކުޅޭ ޑިފެންޑަރުން އެބަ ޖެހޭ ވަރަށް ސަމާލުވާން. ހާއްސަކޮށް އަހަރެން އޭރިޔާގައި ކުޅުންތެރިން އުޅޭ އިރު، އެކަމަށް ސަމާލުވާން ޖެހޭނެ. އޭރިޔާގައި އެއްވެސް ކުޅުންތެރިއަކު ނެތްނަމަ، އަހަރެންނަށް އެއްވެސް ހާސްކަމެއް ނޯންނާނެ،" އޭނާ ބުންޏެވެ.

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ޔުނައިޓެޑާއި ދެކޮޅަށް ބަޔާން ނުކުންނާނީ ރާއްޖޭ ގަޑިން ބުދަ ދުވަހުގެ ރޭ 11:45 ގަ އެވެ. މި މެޗު ކުޅޭނީ ބަޔާންގެ އާލިއަންޒް އެރީނާގަ އެވެ.