ވޯލްޑް ޓްވެންޓީ20 ކުރިކެޓް މުބާރާތުގައި އިންޑިއާގެ މަޗަށް ހަ ވިކެޓުން ކުރި ހޯދުމަށްފަހު، މުބާރާތުގެ ތަށި ސްރީލަންކާއިން އުފުލާލައިފި އެވެ.

ރޭ ޑާކާގެ ޝެރޭ ބަންގްލާ ނޭޝަނަލް ސްޓޭޑިޔަމްގައި ކުޅެވުނު މިމެޗް ސަރަހައްދުގެ ގިނަ ބަޔަކު ޓީވީ މެދުވެރިކޮށް ބަލާފައި ވާއިރު، ރޭގެ މެޗުގައި ލަންކާއިން ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާ ކަން ފާހަގަ ކުރެވުނެވެ. އެގޮތުން މިމުބާރާތުގެ ފައިނަލަށް ލަންކާ ދަތުރު ކޮށްފައި ވަނީ ވެސް ކުޅުނު އެއް ވެސް މެޗަކުން ބަލިނުވެއެވެ.

ރޭގެ މެޗުގައި އިންޑިއާ އިން ކުޅެން އަރާ ހަތަރު ވިކެޓަށް ހެދުނީ 130 ލަނޑެވެ. އިންޑިއާގެ ކުޅުމުގައި ވިރާތު ކޯލީ ވަނީ 58 ބޯޅައިން 77 ލަނޑު ހަދައިފަ އެވެ. މިއީ މި މުބާރާތުގައި އޭނާ ހެދި ހަތަރު ވަނަ ހާފު ސެންޗަރީ އެވެ.

ލަންކާ އިން ރޭގެ މެޗުގައި ކުޅެން އަރާ ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 132 ލަނޑު ހަދައިފަ އެވެ. ލަންކާގެ ކުޅުމުގައި ކުމާރަ ސަންގަކަރާ ވަނީ 35 ބޯޅައިން 52 ލަނޑު ހަދައިފަ އެވެ.

މިއީ މިމުބާރާތުގެ ތަށި ލަންކާއަށް ލިބުނު ފުރަތަމަ ފަހަރެވެ. ލަންކާވަނީ މީގެކުރިން ޓީ20 ގެ ދެފައިނަލެއްގައި ބަލިވެފައެވެ. އެގޮތުން ދެ އަހަރުކުރިން އަމިއްލަ ގައުމުގައި ވެސްޓް އިންޑީސްއަތުން ބަލިވި ބަލިވުން ފާހަގަކޮށްލެވެއެވެ.