07 Apr 2014, 13:57
އެފްރިކާގެ ގައުމެއް ކަމަށް ވާ ރުވާންޑާގައި މީގެ 20 އަހަރު ކުރީން ހިނގި ބިރުވެރި ގަތުލުއާއްމަށް އަހަރެއް ފުރުން ފާހަގަ ކުރުމަށް ޓަކައި ހިތާމަ ފާޅު ކުރުމުގެ ހަފުތާއެއް ފާހަގަ ކުރާން ފަށައިފި އެވެ. މި ހަފުތާ ފާހަގަ ކުރެވޭނީ މިއަދުން ފެށިގެން އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ނިޔަލަށެވެ.
ހިތާމަ ފާޅު ކުރުމާއި ޒިކުރާ އައު ކުރުމުގެ ހަފުތާ މިއަދު ފައްޓަވައި ދެއްވާނީ ރުވާންޑާގެ ރައީސް ޕޯލް ކަގާމޭއެވެ. ފެށުމުގެ ރަސްމިއްޔާތުގައި އޭނާ ޚާއްސަ ހުޅު ބައްތިއެއް ދިއްލަވާނެ އެވެ. އެ ބައްތީގެ ހުޅުކޮޅު 100 ދުވަސް ވާންދެން އެންދޭނެ އެވެ. އެއީ ރުވާންޑާގެ ހިތާމަވެރި ގަތުލުއާއްމު ދެމިގެން ދިޔަ މުއްދަތެވެ.
ނަވާރަސަތޭކަ ނުބަދިހަ ވަނަ އަހަރު ރުވާންޑާގައި ހިނގި ބޮޑު ގަތުލުއާއްމުގައި، އެ ގައުމުގެ މައިގަނޑު ދެ ގަބީލާ ކަމަށް ވާ ހޫޓޫ ގަބީލާ އާއި ޓުޓްސީ ގަބީލާއާ ދެމެދުގައި އުފެދުނު ނަސްލީ ހަމަނުޖެހުންތަކުގެ ތެރޭގައި، ހޫޓޫ ގަބީލާގެ ހައްދުފަހަނައެޅީން ވަނީ ޓުޓްސީ ގަބީލާގެ އެތައް ލައްކަ ބަޔަކާއި، ހޫޓޫ ގަބީލާގެ މެދުމިނުގެ ވިސްނުން ގެންގުޅޭ އެތައް ހާސް ބަޔަކު ކަތިލައިފައެވެ. ގަތުލުއާއްމުގައި މަރައިލެވުނު މީހުންގެ އަދަދު 800000 އަށް ވުރެ ގިނަ ކަމަށް ރިކޯޑުތަކުން ދައްކައެވެ.
ރުވާންޑާގެ ގަތުލުއާއްމުގައި މަރައިލެވުނު ގިނަ މީހުންނަކީ ކަތިވަޅި ފަދަ ތޫނު ހަތިޔާރުތަކުން ކަތިލެވުނު މީހުންނެވެ. ގަތުލުއާއްމު ފެށުނީ 1994 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހުއެވެ. އެއިރު ރުވާންޑާގެ ރައީސްކަމުގައި ހުންނެވި ހޫޓޫ ގަބީލާގެ ޖުވެނަލް ހެބިއަރިމާނާ ދަތުރު ކުރެއްވި މަތިންދާބޯޓަށް ބަޑިން ހަމަލާ ދީ ބޯޓު ވައްޓައިލެވި، ރައީސް ހެބިއަރިމާނާ އަވަހާރަ ކޮށްލެވުނު ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާ ހިނގީ ރުވާންޑާގެ ވެރިރަށް ކިގާލީގައެވެ.
ރުވާންޑާގެ ގަތުލުއާއްމު ހުއްޓުމަކަށް އައީ، ޔުގާންޑާގައި މަރުކަޒު ގާއިމު ކޮށްގެން އުޅުނު ޓުޓްސީ ބާޣީ ޖަމާއަތެއް ކަމަށް ވާ "ރުވާންޑަން ޕޭޓްރިއޮޓިކް ފްރަންޓް" (އާރްޕީއެފް) ގެ ހަނގުރާމަވެރީން ރުވާންޑާއަށް އަރައި، ވެރިރަށް ކިގާލީ އެމީހުންގެ ބާރުގެ ދަށަށް ގެނެސް، މުޅި ގައުމުގައި އެމީހުންގެ ބާރު ގާއިމު ކުރުމުންނެވެ.
ކިގާލީގައި މިއަދު ބޭއްވޭ ރަސްމިއްޔާތުގައި އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެޔަރ އާއި ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ އާއި އަލިފުދާލުގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ބައިވެރި ވެވަޑައިގަންނަވައެވެ. ނަމަވެސް، ފަރަންސޭސި ވިލާތުގެ ޖަސްޓިސް މިނިސްޓަރ ކްރިސްޓިއާން ޓައުބީރާ މިއަދުގެ ރަސްމިއްޔާތުގައި ބައިވެރި ވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތް އޮތުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ކެންސަލް ކުރެވިފައެވެ. އެއީ ރުވާންޑާގެ ގަތުލުއާއްމު ފެށުމުގައި ފަރަންސޭސީންގެ ދައުރެއް އޮތް ކަމަށް ރައީސް ކަގާމޭ ވިދާޅުވުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އުފެއްދުނު މައްސަލަގަނޑާ ހުރެއެވެ. ފަރަންސޭސީންނަކީ އަވަހާރަ ކޮށްލެނު ރައީސް ހަބިއަރިމާނާއަށް ތާއީދު ކުރި ގައުމެކެވެ. އަދި ހޫޓޫ ގަބީލާގެ ހައްދުފަހަނައެޅީން ހިންގި އަނިޔާވެރި އަމަލުތަކުގައި، ފަރަންސޭސީން ބައިވެރި ވި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ފަރަންސޭސި ބަހުން ނެރެވޭ ރުވާންޑާގެ ނޫހެއް ކަމަށް ވާ "ޖިއޫން އެފްރީކް" އަށް މިދިޔަ ހަފުތާގައި ދެއްވި ބަސްދީގަތުމެއްގައި، ރައީސް ކަގާމޭ ވިދާޅުވީ "ޓުޓްސީންގެ ނަސްލު ނެތި ކޮށްލުމަށް ހިންގުނު ގަތުލުއާއްމަށް ސިޔާސީ ގޮތުން ފަސްގަނޑު އެއްވަރު ކުރުމުގައި ބެލްޖިއަމާއި ފަރަންސޭސި ވިލާތް ސީދާ ގޮތެއްގައި ބައިވެރި ވި" ކަމަށެވެ.
ނަމަވެސް ފަރަންސޭސި ވިލާތުން ބުނަނީ މިއަދުގެ ރަސްމިއްޔާތު ބޮއިކޮޓް ނުކުރާ ކަމަށާއި، ރުވާންޑާގައި ހުންނަވާ ފަރަންސޭސި ސަފީރު އެ ރަސްމިއްޔާތުގައި ބައިވެރި ވެވަޑައިގަންނަވާނެ ކަމަށެވެ. ފަރަންސޭސި ޚާރިޖީ ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ، ޖަސްޓިސް މިނިސްޓަރ ކްރިސްޓިއާން ޓައުބީރާ މިއަދު ކިގާލީއަށް ވަޑައިނުގަންނަވާ ގޮތަށް ނިންމެވި ނިންމެވުމަކީ އެ ކަމަނާގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށާއި، އެއީ ސަރުކާރުގެ ނިންމުމެއް ނޫން ކަމަށެވެ.
ރައީސް ކަގާމޭގެ ބަސްފުޅާ ބެހޭގޮތުން ފަރަންސޭސި ވިލާތުން ބުނެފައި ވަނީ އެއީ ދެ ގައުމުގެ ދެމެދުގައި އިތުބާރާއި ދެނެގަތުން އުފެއްދުމަށް ކުރެވޭ މަސައްކަތްތަކަށް ކުރިމަތި ވި ހުރަހެއް ކަމަށެވެ.
ރުވާންޑާގެ ގަތުލުއާއްމުގެ ތެރޭގައި، ސީރިއަސް ގޯސްތަކެއް ހެދުނު ކަމަށް ފަރަންސޭސީން ކުރީން ވަނީ އަމިއްލަޔަށް އެއްބަސް ވެފައެވެ.
ރުވާންޑާގެ ގަތުލުއާއްމުގެ ކަންކަން ތަހުގީގު ކުރި ކޮމިޝަނުން 2008 ވަނަ އަހަރު ބުނެފައި ވަނީ ޓުޓްސީންނާ ދެކޮޅަށް ހިންގި ގަތުލުއާއްމުގައި އަމަލީ ގޮތުން ބައިވެރި ވި ހޫޓޫ މިލީޝިއާއަށް ތަމްރީނު ދިނުމުގައި ފަރަންސޭސީން އެހީތެރި ވި ކަމަށާއި، އަދި އެމީހުން ޓުޓްސީންނާ ދެކޮޅަށް ގަތުލުއާއްމެއް ހިންގާން ތައްޔާރު ވަމުން ދިޔަ ކަން ފަރަންސޭސި ސަރުކާރަށް އޮތީ އެނގިފައި ކަމަށެވެ.
ފަރަންސޭސީން ބުނަނީ ރުވާންޑާގައި އޮތް އަލިފުދާލުގެ ލަޝްކަރުގައި ތިބި ފަރަންސޭސި ސިފައިން، ގަތުލުއާއްމު ހުއްޓުވާން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ރުވާންޑާގެ ރައީސް ވިދާޅުވެފައި ވަނީ، ފަރަންސޭސި ސިފައިން ކުރި ކަމަކީ ގަތުލުއާއްމު ހިންގި ހޫޓޫ ގަބީލާގެ ހަތިޔާރު އެޅި ޖަމާއަތްތައް ރައްކާތެރި ކުރުން ކަމަށެވެ.