07 Apr 2014, 13:35
މާލޭ ދެކުނު ފަރާތުގެ ފަޅުގެ ބައެއް ހިއްކައިގެން "ވޭސްޓް ޔާޑު" ހެދުމަށް، ތިލަފުށީ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މާލޭގެ ދެކުނު ފަރާތުން (ސްޓޭޑިއަމްއާ ދިމާއިން) ފަޅުތެރެއިން ބައެއް ހިއްކައިގެން ހެދުމަށް ހަމަޖައްސާފައިވާ ވޭސްޓްޔާޑް ހެދުމަށް އެ ސަރަހައްދު ހިއްކުމުގެ މަޝްރޫއު ތިލަފުށީ ކޯޕަރޭޝަނާ ހަވާލުކުރީ މިދިޔަ އަހަރުގެ މާޗު މަހު އެވެ.
މުއިއްޒު މިއަދު "ސަން" އަށް ވިދާޅުވީ ގާތްގަނޑަކަށް 24 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހަދާ އެ ޕްރޮޖެކްޓްގެ މަސައްކަތްއެ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތޭރެގައި އެމްޓީސީސީއާ ހަވާލުކުރުމަށް ޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އަދި އެގޮތަށް ނިންމެވީ މަޝްރޫއުގެ އެއްބަސްވުމާ އެއްގޮތަށް އެ މަސައްކަތް ނުނިންމޭނެކަން ތިލަފުށީ ކޯޕަރޭޝަނުން ވެސް އަންގާފައި ވާތީ ކަމަށް ވެސް މިނިސްްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ ވޭސްޓް ޔާޑު ހެދުމަށް ބޭނުންވާ ބިން ހިއްކުމަށް ޓަކައި އެ ސަރަހައްދުގައި އާޅާފައި ހުރި ފައްތިޔާތައް ނެގުމަށް މާލޭ ސިޓީ ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި ފައްތިޔާ އެޅުމަށް އެހެން ސަރަހައްދެއް މިނިސްޓްރީން ކަނޑައާޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވޭސްޓްުޔާޑުގެ ހެދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށް އެބަދޭ. އެގޮތުން ސިޓީ ކައުންސިލާ މަޝްވަރާކޮށްގެން އެ ސަރަހައްދު ހުސްކުރަން ވާހަކަ ދެކެވެމުން ދަނީ. އެ ސަރަހައްދު ޑިޒައިން ކުރުމުގެ މަސައްކަތް އެމްޓީސީސީން ވެސް ގެންދަނީ ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.
އެ މަޝްރޫއުގެ މަސައްކަތް ނިމުމުން މާލޭގައި ހުރި ވޯކްޝޮޕްތަކާއި ގަރާޖު، އަދި ވަޑާންކުރާ ތަންތަން އެ ސަރަހައްދަށް ބަދަލުކޮށް، މާލޭގެ ކުނީގެ މައްސަލަ ހައްލުވުމުގެ އިތުރުން މާލޭގެ މަގުތަކުގައި ބޮޑެތި ލޮރީ ޕިކަޕް ފަދަ ދުއްވާ އެއްޗެހި ތޮއްޖެހުމުގެ މައްސަލަ އަށް ވެސް ހައްލެއް އަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުންޏެވެ.
މި މަޝްރޫއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ޖަޕާނު ސަރުކާރުގެ އެހީގައި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ)ގެ ފަރާތުން ހަދާފައިވާ ވަރަށް ތަފްސީލީ ޓެކްނިކަލް ދިރާސާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ ކުރިއަށް ގެންދާ މަޝްރޫއެކެވެ. ނަމަވެސް އެ ރިޕޯޓަކީ އަސްލު ކަމަށް ބަލައިގެން އެއަށް އިތުރު މަސައްކަތްތަކެއް ކޮށްގެން ޕްލޭން އެކުލަވާލާފައި ވަނީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ.