ދެހާސް ބާރަވަނަ އަހަރު ލޮރެންޒޯ ޕާކުތެރޭގައި ހއ. ހޯރަފުށީ ނޫރީގޭ މުހައްމަދު އަރުހަމް މަރާލި މައްސަލައިގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.

މިއަދުގެ ޝަރީއަތް ކެންސަލް ކުރިކަން އަންގަވަމުން ގާޒީ ވިދާޅުވީ، އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ގާނޫނީ ވަކީލު އެވަގުތު ހުންނެވީ އެހެން ކޯޓެއްގައި އޮތް ޝަރީއަތުގެ އަޑުއެހުމެއްގައި ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ، މިއަދު 10:00 ގައި އޮތް ޝަރީއަތަށް ހާޒިރުވާން ދައުވާ ރައްދުވާ ފަރާތްތަކުގެ ވަކީލަށް ކުރިން އަންގާފައިވާ ކަމަށެވެ. ނަމަވެސް ވަކީލު ވިދާޅުވީ ކޯޓަށް ހާޒިރުވާން ކްރިމިނަލް ކޯޓުން އޭނާ އަށް އަންގާފައިނުވާ ކަމަށެވެ.

އަރުހަމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ ކޮށްފައި ވަނީ ލ. މާވަށް، އަސަރީގޭ، މަންސޫރު ޔޫސުފާއި ހަމަ އެރަށު އެވަރބްލޫ، މުހައްމަދު ވިސާމާއި މއ. ސީނަރީވިޔު، އާތިފް ރަޝީދު އަދި ގދ. ގައްދޫ، ގުންޒަރު، މުހައްމަދު ސުފުޔާންގެ މައްޗަށެވެ.

އެ މީހުން ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ހުށަހެޅި ބައެއް ހެކީންގެ ހެކިބަސް ވެސް މިހާރު ވަނީ ނަގައިފަ އެވެ.