07 Apr 2014, 12:44
ދައުލަތުން ދައުވާ ކުރާ 439 މައްސަލަ ބަލައިނުގަނެ ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލާފައިވާ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދެއްކި ވާހަކަތައް އެ ކޯޓުން ދޮގުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ އަލީ އާދަމް މިއަދު ވިދާޅުވީ މި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް 217 މައްސަލަ އެ ކޯޓަށް ބަލައިގެންފައިވާ އިރު އަނބުރާ ފޮނުވާލާފައި ވަނީ 270 މައްސަލަ ކަމަށެވެ.
"ކްރިމިނަލް ކޯޓުން 439 މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވާ ކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކުށް މައުލޫމާތެއް،" އަލީ އާދަމް ވިދާޅުވި އެވެ.
އަލީ އާދަމް ވިދާޅުވީ ބަލައިނުގަނެ 270 މައްސަލަ އަނބުރާ ފޮނުވާލަފައި ވަނީ އެ މައްސަލަތައް ހުށަހަޅާފައިވާ ގޮތަށް ބަލާ އިރު ބަލައިގަނެވެން ނެތުމުން ކަމަށެވެ. އެގޮތުން މައްސަލަތައް ބަލައިގަންނަ ސަބަބުތައް އޭނާ ތަފްސީލުކޮށް ކިޔައިދެއްވި އެވެ.
އޭނާ ވިދާޅުވީ ޗެކް ބައުންސްގެ މައްސަލަތައް ފޮނުވާ އިރު ބައެއް ފަހަރަށް ބަދަލު ލިބޭ މީހާ ތަހުގީގަށް ދީފައިވާ ބަޔާނެއް ނޯންނަ ކަމަށާއި އެފަދަ މައްސަލަތައް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ހުށަހަޅާ ލިޔުންތަކަށް ބަލާ އިރު ބައެއް މައްސަލަތަކުގެ ދައުވާ ފޯމްގައި ލިޔެފައިވާ މީހާގެ ނަމާއި އެ މައްސަލައިގައި ދައުވާ ލިބޭ މީހާގެ ނަމާއި ދިމާނު ވާތީ ވެސް މައްސަލަތައް އަނބުރާ ފޮނުވާލާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެޖިސްޓްރޭޓް ކޯޓުގެ އިހްތިސޯސް ހިނގާ މައްސަލަތައް ވެސް އެ ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެގޮތަށް އަމަލުކުރުމުން މެޖިސްޓްރޭޓް ކޯޓުތަކުގެ ދައުރު ކުޑަވެގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުށަހަޅާ ބައެއް މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތުގެ ވަނަވަރާއި އެ ފަރާތުގެ ތަހުގީގު ބަޔާން ހިމަނާފައި ނުވާތީ އެފަދަ މައްސަލަތައް ކޯޓަށް ބަލައިނުގަނެ އަނބުރާ ފޮނުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބުނާގޮތުން ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާތަކެތީގެ ބަރުދަން ބަލަންޖެހޭނީ ޑޯސޭޖުން ކަމަށާއި ނަމަވެސް އެފަދަ މަސްތުވާތަކެތީގެ ބަރުދަން ގުރާމުން ބަލާފައި މައްސަލަ ފޮނުވާފައި ހުންނަ ކަމަށެވެ. އެހެންކަމުން އެފަދަ މައްސަލަތައް އަނބުރާ ފޮނުވާލާފައިވާނެ ކަމަށް ވެސް އަލީ އާދަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަތައް އަނބުރާ ފޮނުވާލަނީ އެއްވެސް ގޮތަކަށް އެ މައްސަލަތައް ކޯޓަށް ބަލައިނުގަތުމަށް ނޫން ކަމަށާއި އަނބުރަ ފޮނުވާލާ މައްސަލަތައް އިސްލާހުކުރުމަށް ފަހު ފޮނުވުމުން ބަލައިގަންނާނެ ކަމަށެވެ. އަދި އެއީ ހައކޯޓާއި ސުޕްރީމް ކޯޓުން ވެސް އަމަލުކުރަމުން އަންނަ އުސޫލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.