އެމްޑީޕީގެ ހަތަރު ވަނަ ކޮންގްރެސް ބޭއްވުމަށްޓަކައި އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބަށް ބަދަލުގެނެސް އިތުރު ނުވަ މަގާމެއް އުފައްދައިފި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މީޑިއާ އޮފިޝަލް އަލީ ނިޔާޒު މިއަދު "ސަން" އަށް ވިދާޅުވީ، މިމަހުގެ 25 ގައި ބާއްވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 22 ދާއިރާއެއްގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އަލަށް އިތުރުކޮށްފައިވާ ނުވަ މަގާމަކީ ރައްޔިތުންގެ މަޖިލީހަށް އަލަށް އިތުރުވި ދާއިރާތަކަށް އިތުރުކުރި މަގާމުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޕާޓީގެ ގޮފިތައް އަލުން އެކުލަވާލައި، އެކަން ޕާޓީއަށް އެންގުމަށް ވާނީ ގޮފިތަކަށް އަންގާފަ. އަދި ގޮފިތަކުން ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުން ވެސް 22 ގައި އޮންނާނެ." ނިޔާޒު ވިދާޅުވި އެވެ.

އެގޮތުން އަލަށް އުފެއްދި މަގާމުތަކުގެ ތެރޭގައި ކ. ގުރައިދޫ ދާއިރާ ރައީސް އާއި ގދ. ތިނަދޫ އުތުރު ދާއިރާ ނައިބު ރައީސް އާއި ގދ. ތިނަދޫ އުތުރު ދާއިރާ ސެކްރެޓަރީ އާއި ގދ. ތިނަދޫ އުތުރު ދާއިރާ ސެކްރެޓަރީގެ ނާއިބު އާއި ގދ. ތިނަދޫ އުތުރު ދާއިރާ މައުލޫމާތާއި އިޝްތިހާރާއި އާއްމު އެންގުންތަކާ ބެހޭ ސެކްރެޓަރީ އާއި ގދ. ގައްދޫ ދާއިރާ ނާއިބު ރައީސް އާއި ގދ. ގައްދޫ ދާއިރާ ސެކްރެޓަރީ އާއި މާލެ ސިޓީ މެދު ހެންވޭރު ދާއިރާ ރައީސް އަދި މާލެ ސިޓީ ގަލޮޅު އުތުރު ދާއިރާގެ ނާއިބު ރައީސް ހިމެނެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ބެހޭ ޝަކުވާތައް ބެލުމަށް އެޕާޓީން މިހާރު ވަނީ ތިން މެންބަރުންގެ ކޮމިޓީއެއް އުފައްދައިފަ އެވެ.

އެމްޑީޕީގެ ލީޑާޝިޕަށް ބަދަލުތަކެއް ގެނެސް، ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީ އަށްފަހު ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.