އޭއެފްސީ ކަޕްގެ ދެ ވަނަ ބުރަށް ދިއުމަށް ނިއުއަށް އަދި ފުރުސަތު އެބޮތް ކަމަށާއި އެކަން ހާސިލް ކުރެވެން އޮތީ ގްރޫޕް ސްޓޭޖްގައި ބާކީ އޮތް ދެ މެޗުން މޮޅުވުން ކަމަށް ނިއުގެ ކޯޗު ސައިމަން މިކްމެނެމީ ބުނެފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް އީގައި އަންނަ ބުދަ ދުވަހު ސިންގަޕޫރުގެ ހޯމް ޔުނައިޑާ ދެކޮޅަށް ކުޅުމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް ރޭ ސިންގަޕޫރަށް ފުރުމުގެ ކުރިން ސައިމަން ބުނީ، ދެވަނަ ބުރުގެ ހަނި ފުރުސަތެއް އޮތް ނަމަވެސް، ކަންކަން ކުރެވެން އޮތީ އުނދަގޫ ކަންތައްތަކާ ކުރިމަތި ލައިގެން ކަމަށެވެ.

"ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އަދި އެބައޮތް. ހޯމްޔުނައިޓެޑަކީ ބަލިޓީމެއް ނޫން. އެޓީމް އަތުން ނިއު ވަނީ މާލޭގައި މޮޅުވެފަ. ރަށުން ބޭރުގައި ނިއު ހޯމް ޔުނައިޓެޑާ ދެކޮޅަށް ނިންކުންނަން ޖެހޭނީ ތިން ޕޮއިންޓު ހޯދުމުގެ އުންމީދުގައި. ނިއުށް އެނޫން ގޮތެއް ނެތް" ސައިމަން ބުންޏެވެ.


މުބާރަތުގައި ނިއުއިން މިހާތަނަށް ހަތަރު މެޗް ކުޅެފައި ވާއިރު، އެޓީމް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެމެޗަކީ މިދިޔަ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު މާލޭގައި ހޯމްޔުނައިޓެޑާ ދެކޮޅަށް ކުޅެ 1-0 ލަނޑުން މޮޅުވި މެޗެވެ.


ގްރޫޕްގައި ނިއު އޮތީ ތިން ޕޮއިންޓާއެކު އެންމެ ފުލުގަ އެވެ. ގްރޫޕްގެ އެއް ވަނަ މަގާމްގައި 10 ޕޮއިންޓާއެކު އޮތީ މިދިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި 2-0 ލަނޑުން ނިއު ބަލިކޮށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައިވާ އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އެވެ. ގްރޫޕްގެ ދެ ވަނަ މަގާމްގައި ހަ ޕޮއިންޓާއެކު އޮތީ އިންޑިއާގެ ޗާޗިލް ބްރަދާސް އެވެ. އަދި ގްރޫޕްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސިންގަޕޫރުގެ ހޯމް ޔުނައިޓެޑެވެ.

ގްރޫޕް ސްޓޭޖްގައި ނިއު ކުޅޭ އެންމެ ފަހު މެޗުގައި މިމަހުގެ 23 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ނިކުންނާނީ އިންޑިޔާގެ ޗާޗިލް ބްރަދާސްއާ ދެކޮޅަށެވެ.