ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބިދޭސީން ބައިވެރިކުރުމަށް އަދިވެސް މާ ބޮޑު ތަރުހީބެއް ނުލިބޭކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓަރު އިސްމާއީލު ޝުޖާއު ވިދާޅުވީ، ބިދޭސީން ރަޖިސްޓްރީ ކުރުން ދަނީ ވަރަށް ތަރުހީބު ކުޑަކޮށް ކަމަށެވެ. އެކަމުގެ ސަބަބަކަށް ބަލާއިރު ބިދޭސީން، ޕެންޝަން ސްކީމްގައި ރަޖިސްޓްރީވުމަކީ އިޚްތިޔާރީ ކަމަކަށް ހެދުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ އިސްލާހު، ވެދާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ބިދޭސީން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިކުރުން އަންނަ މެއި މަހުގެ 15 އަށް ވަނީ މިހާރު ފަސްކޮށްފަ އެވެ. ކުރިން އެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ ނިޔަލަށެވެ.

ޝުޖާއު ވިދާޅުވީ، އެ އިސްލާހަށް މަޖިލީހުން ގޮތެއް ނުނިންމާނަމަ އަންނަ މަހުގެ 15ގެ ފަހުން ރަޖިސްޓރްި ނުކުރާ ބިދޭސީންނަށް ވަޒީފާ ދިން ފަރާތާ މެދު ފިޔަވަޅު އެޅިގެން ދާނެ ކަމަށެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި މިމަހުގެ ނިޔަލަށް 7979 ބިދޭސީން ރަޖިސްޓްރީކޮށްފައި ވެއެވެ.

ބިދޭސީން ޕެންޝަންގައި ބައިވެރިކުރުމާއި ފައިސާ ދައްކަން ފެށުން އަންނަ މެއި މަހުގެ 15 ވަނަ ދުވަހަށް ފަސްކޮށްފައި ވަނީ އެ މަސައްކަތް ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ޝުޖާއު ވިދާޅުވީ، ބިދޭސީން ޕެންޝަން ސްކީމްގައި ބައިވެރިކުރުމަކީ އިޚްތިޔާރީ ކަމަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވާތީ އެއީ ވެސް އެ ނިންމުން ނިންމަންޖެހުނު ސަބަބުތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ބިދޭސީން ޕެންޝަން ސްކީމްގައި ބައިވެރިކުރުން އިޚްތިޔާރީ ކަމަކަށް ހެދުމަށް ޓަކައި ޕެންޝަނާ ބެހޭ ގާނޫނު އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އެވެ.