07 Apr 2014, 11:09
މިއަދު ފުލުހުންގެ ހިދުމަތް ވާސިލުވެފައިވާ ހިސާބު ރަމްޒުކޮށްދެނީ، މުޖުތަމައަށް ލިބިފައިވާ ކުރިއެރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރު މުހަންމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ނާއިބު ރައީސް ޑރ. ޖަމީލް މިހެން ވިދާޅުވީ، ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އައްޑޫ ސިޓީގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ކޮންމެ މުޖުތަމައެއްގައި ވެސް ކުރިއެރުން ބިނާވެފައި ވަނީ، އެތަނެއްގެ ރައްޔިތުން އެތަނެއްގެ ގާނޫނުތަކަށް ބޯލަނބައި، ހުރުމަތްތެރިކޮށް ހިތާ މިންވަރެއްގެ މައްޗަށް ކަމަށާއި، އެތަނެއްގައި ގާނޫނު ހިނގައި، ގާނޫނަށް ތަބާވާ މިންވަރެއްގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ. މިއީ، ދުނިޔޭގެ އެންމެ ތަހުޒީބު ވެފައިވާ ތަންތަނުގައިވެސް، އެތަނެއް ތަހުޒީބު ވެފައިވާ މިންވަރު ބަލާ ނިސްބަތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގައި ސިޔާސީގޮތުން ދެބަސްވުން ހިނގާ ކޮންމެ ފަހަރަކު، ހަގީގީ ތަހުޒީބުގެ މި ވާހަކަތައް ހަނދާން އެބަކުރަންޖެހޭ ކަމަށެވެ. އަދި މިއަށްވުރެ ބޮޑު ތަހުޒީބެއް، މިއަށްވުރެ ބޮޑު ކުރިއެރުމެއް ނުވާނެ ކަމުގައި ވެސް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާޏު ވިދާޅުވި އެވެ.
ރޭގެ އެ ރަސްމިޔާތުގައި ނައިބުރައީސް ވިދާޅުވީ ދިވެހި މުޖުތަމައުގައި "ތަހުޒީބު" މިހާރު މާނަ ކުރަނީ ކިހިނެއްތޯ އަލުން ބަލަންޖެހޭ ކަމަށާއި ރާއްޖެއަށް މިފަދަ މުހިންމު ވަގުތެއްގައި އެކި ގޮތްގޮތުން ގައުމަށް ފާގަތިކަން ހޯދައިދޭން މަސައްކަތްކުރާ ފަރާތްތަކުން ގާނޫނުތަކަށް އަމަލުކުރަނީ ކިހާވަރަކަށްކަމާމެދު އެބަ ވިސްނަންޖެހޭ ކަމަށެވެ.
ޑރ. ޖަމީލުގެ ވާހަކަފުޅުގައި ފުލުހުންގެ ހިދުމަތަކީ، ގާނޫނު ރައްކާތެރިކޮށް، ދަމަހައްޓާ ހިދުމަތެއްކަން ފާހަގަކުރެއްވި އެވެ. އަދި ގައުމުގެ ސިޔާސީ ވެރިން، މުޖުތަމައުގެ ހަރުދަނާ ގާނޫނުތަކަށް ބޯލަނބާތަން ފެނިގެން ދިޔުމަކީ، ކުރިއެރުން ލިބިގެންދާކަން ދައްކައިދޭ ކަމެއް ކަމަށާއި، "ތަރައްގީ" އޭ މިއަދު މި ކިޔަނީ މި ކަންކަމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވި އެވެ.
އެއްވެސް ފަރުދަކަށްވުރެ، އަދި ސިޔާސީ ޕާޓީއަކަށްވުރެ، ގައުމުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން އަބަދުވެސް ބޮޑުވާނެކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހަނދާން ކޮށްދެއްވި އެވެ. އަދި ސިޔާސީ ފިކުރުގެ ތެރެއިން، ގައުމީ ފިކުރަށް އިސްކަން ދޭން ޖެހޭނެކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
ޑރ. ޖަމީލު ވިދާޅުވީ، ގާނޫނަށް ތަބާވާ، ގާނޫނަށް ހުރްމަތްތެރިކޮށް ހިތާ މުޖުތަމައެއް ބިނާވެގެންނޫނީ ގައުމަށް ކުރިއެރުމެއް ލިބިގެން ނުދާނެ ކަމަށެވެ.