މާލޭގެ ގެއަކުން ފުލުހުން ރޭ ގިނަ އަދަދެއްގެ ބަނގުރާ އަތުލައި ގެންފި އެވެ.

ފުލުހުން ބުނީ އާންމުފަރާތަކުން ހިއްސާކުރި މައުލޫމާތަކާ ގުޅިގެން ޑްރަގް އޮޕަރޭޝަނުން ހިންގި ހަރަކާތެއްގައި ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގެންފައި ވަނީ، ހ. ރޯސްހައުސް ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރެއިން ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ، ހ. ރޯސްހައުސްގޭ ކޮޓަރި ބަލައި ފާސްކުރި އިރު އެތަނުން 115 ފުޅި ބަނގުރަލުގެ އިތުރުން 48 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ރޭ ހިންގި އެ އޮޕަރޭޝަންގައި އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރަލުގެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ތުހުމަ ތުކުރެވޭ ފަރާތްތަށް ހޯދުމުގެ މަސައްކަތް، ޑްރަގް އިންޓަލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ޑްރަގް އޮޕަރޭޝަންސް ގުޅިގެން އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.