ހއ. ތަކަންދޫ ސްކޫލަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ދަންވަރު ވަދެ އެ ސްކޫލުގައި އިންދާފަހުރި "ރީތި ގަހެއް" ކަނޑާލައިފި އެވެ.

ތަކަންދޫ ސްކޫލްގެ އިސް ވެރިޔަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އަށް ވިދާޅުވީ، އެގަސް ކަނޑާލާފައި ވަނީ މޫނު ނިވާކޮށްގެން ތިބި ތިން މީހަކު އެ ސްކޫލަށް ރޭ ދަންވަރު ވަދެ ކަމަށެވެ. އަދި އެވަގުތު އެ ސްކޫލްގައި ސެކިއުރިޓީއަށް އިން މީހާއަށް ވަޅިން ބިރުދަށްކާފައި ވާ ކަމަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އެގަސް ކަނޑާލާފައި ވަނީ އެގަހުގެ ސަބަބުން އެ ސްކޫލުގައި ސިހުރުގެ ކަންތައްތައް ވަރަށް ބޮޑުކަމަށް ރަށު ތެރޭގައި ވާހަކަ ދެކެވެމުންދާ ދުވަސްވަރެއްގައި ކަމަށެވެ.

"އެއީ ޖިންނި ގަހެކޭ ވަރަށް ގަދަޔަށް ރަށު ތެރޭ ވާހަކަ ދެކެވޭ، ނަމަވެސް އެއްވެސް ފަރާތަކުން ނެތް ސުކޫލަށް އެމައްސަލަ ހުށައަޅާފައެއް" ސަން އަށް މައުލޫމާތު ދިން އެ ސްކޫލުގެ އިސްވެރިޔާ ވިދާޅުވި އެވެ.

ތަކަންދޫ ރަށު ކައުންސިލުން ވެސް ވަނީ، މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ އެރަށު ސްކޫލަށް ވަދެ އެތަނުގެ ގޯތިތެރޭގައި ހުރި ރީތިގަހެއް ކަނޑާލާފައިވާ ކަން ސަން އަށް ކަށަވަރު ކޮށްދީފަ އެވެ. އަދި އެމައްސަލަ ފުލުހުންނަށް ހުށައަޅާފައި ވާކަމަށް ވެސް ތަކަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެރަށު ސްކޫލް ކުދިން ތަކެއް ވަނީ "ޖިންނި މޮޔަ" ވެފައެވެ. އެގޮތުން ހަތަރު ކުއްޖަކަށް، ކޮންމެ ރެއަކު ދެ ނަމާދު ދޭތެރޭގައި އަތްފައި ބުޅިވެ، އާދަޔާއި ހިލާފު ބާރެއް ގަޔަށް އަރައި ތަފާތު އުނދަގޫތަކެއް އެ ކުދިންނަށް ކުރިމަތިވަމުން ދިޔަ އެވެ. އަދި އެ އެކުދިންގެ މަރުވެފައިވާ އާއިލާ މެމްބަރުން ފެންނަ ވާހަކަ ރޮއެރޮއެފައި ކިޔައިދެ އެވެ. އަދި ބިރުވެރިކަމާ އެކު އެހެން މީހަކު ވެސް ފެންނަ ކަމަށް އެކުދިން ކިޔައިދެ އެވެ.