07 Apr 2014, 09:18
ނިއުދިއްލީ: އިންޑިޔާގެ އާންމު އިންތިޚާބުގައި އިދިކޮޅު ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކެންޑިޑޭޓް، ނަރަންދުރަ މޮޑީ އަށް ކާމިޔާބު ލިބިއްޖެނަމަ، އިންޑިޔާގެ މުސްލިމުންނާއި ހިންދޫންނާ ދެމެދު ދީނީ ވަރުގަދަ ފިތުނައެއް އުފެދޭނެކަމުގެ އިންޒާރު މި އިންތިޚާބުގައި ވާދަކުރައްވާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ރާހޫލް ގާންދީ ދެއްވައިފި އެވެ.
ކޮންގްރެސް ޕާޓީއަށް ތާއީދުކުރާ އެތަށް ހާސްބަޔަކާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރާހޫލް ގާންދީ ވިދާޅުވީ، އިންޑިޔާގެ އާންމު އިންތިޚާބު އިދިކޮޅު ބީޖޭޕީ ކާމިޔާބުކޮށްފިނަމަ އިންޑިޔާގެ މުސްލިމުންނަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވެގެން ދާނެ ކަމަށާއި ބީޖޭޕީ އަކީ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ނެރެ ތަޅާފޮޅުމަށް ހިތްވަރުދީ އެކަން އަމަލީގޮތުން ހިންގާފައިވާ ޕާޓީއެއް ކަމުގައެވެ.
މިއަދުން ފެށިގެން މެއި މަހުގެ 12 ވަނަ ދުވަހާ ހަމައަށް، ނުވަ މަރްހަލާއަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންޑިޔާގެ ޕާލަމެންޓްރީ އިންތިޚާބުގައި، ވެރިކަންކުރާ ކޮންގްރެސް ޕާޓީ ބަލިވެ އިދިކޮޅު ބީޖޭޕީ، މިއިންތިޚާބު ކާމިޔާބު ކުރާނެކަން ޚިޔާލު ހޯދުމުގެ އެތަށް ސާވޭއަކުންވަނީ ހާމަވެފަ އެވެ.
އިންޑިޔާގެ އާންމު އިންތިޚާބުގެ ފުރަތަމަ މަރްހަލާގައި ވޯޓުލުމަށް ހަމަޖެހިފައި ވަނީ އާސާމް ސްޓޭޓްގައި ހިމެނޭ ފަސް ދާއިރާއެއްގަ އެވެ. މި ދާއިރާތަކުގެ ކޭންޕޭން އިއްޔެ ނިންމާލުމުގެ ކުރިން ބޭއްވި އިންތިޚާބީ އެއްވުމެއްގައި ވާހަކަ ދައްކަވަމުން ރާހޫލް ގާންދީ ވިދާޅުވީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ކޮންގްރެސް ޕާޓީއަކީ އިންޑިޔާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ހިންދޫންނާއި މުސްލިމުންނާއި ސިކުންނާއި އަދި ނަސާރާއިން ފަދަ ހުރިހާ ދީންތަކަކާއި އަގީދާތަކަށް ނިސްބަތްވާ މީހުންނަށް އިހްތިރާމްކޮށް އެމީހުންނާމެދު ހަމަހަމަ އަދި އިންސާފުވެރި އުސޫލުން ކަންތައްތައް ކުރާނެ ޕާޓީއެއް ކަމަށާ ނަމަވެސް ބީޖޭޕީ ގެ ސިޔާސަތު މިއާ މުޅިން ތަފާތުވާނެ ކަމުގަ އެވެ.
މިގޮތުން އިންތިޚާބު ކާމިޔާބު ކޮށްގެން ބީޖޭޕީގެ ކެންޑިޑޭޓް ނަރަންދުރަ މޮޑީ އިންޑިޔާގެ ވެރިކަމަށް ވަޑައިގެންފިނަމަ އިންޑިޔާގެ މުސްލިމުންނަށް ވަރަށް ނުރައްކާތެރި ވާނެ ކަމަށާ ބީޖޭޕީ އަކީ މުސްލިމުންނާ ދެކޮޅަށް ހަރުކަށި ހިންދޫން ނެރެ ތަޅާފޮޅުމުގެ އަމަލުތައް އިންޑިޔާގެ އެތަށް ސްޓޭޓެއްގައި ހިންގާފައިވާ، ހިންދޫ ހަރުކަށި ހިޔާލުގެ ޕާޓީއެއް ކަމަށްވެސް ރާހޫލް ގާންދީ ސިފަކުރެއްވި އެވެ. މީގެއިތުރުން މޮޑީއަށް ވެރިކަން ލިބިވަޑައިގެންފި ނަމަ މުސްލިމުންގެ އިތުރުން ނަސާރާއިންނަށާއި ސިކުންނަށްވެސް ނުރައްކާވާނެ ކަމަށް ގާންދީ ވިދާޅުވި އެވެ.
ނަމަވެސް މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އިންޑިޔާގެ އާންމު އިންތިހާބު، ބީޖޭޕީ ކާމިޔާބު ކުރާނެ ކަމުގެ ހުރިހާ އަލާމާތްތަކެއް ދަނީ ފެންނަމުންނެވެ. މީގެތެރޭގައި ބޮޑުވަޒީރު މަންމޯހަން ސިންގްގެ ސަރުކާރުން ފަގީރުންގެ ހާލަތު ރަނގަޅު ކުރުމަށް ވެފައިވާ ވައުދުތައް ނުފުއްދުމާއި ސިންގްގެ ސަރުކާރުގައި ކޮރަޕްޝަން އާންމު ވެފައިވުމާއި ހިދުމަތާއި ތަކެތީގެ އަގުތައް މައްޗަށް ދިޔުންފަދަ ބޮޑެތި މައްސަލަތަކާ ގުޅިގެން ރައްޔިތުންގެ ގިނަބަޔަކު ބަދަލަކަށް ބޭނުންވެފައިވުން ހިމެނެ އެވެ.
މި މައްސަލަތަކާއެކު އިންޑިޔާގެ މިފަހަރުގެ އިންތިޚާބުގައި ކޮންގްރެސް ބަލިވާނެ ކަމަށް ބެލެވިފަ އިވީނަމަވެސް ބީޖޭޕީ އަށް ވެސް ޕާލަމެންޓްގެ ދެބައިކުޅަ އެއްބައި ގޮނޑި ކާމިޔާބު ނުވާނެ ކަމަށާ އެޕާޓީއަށް ވެސް ސަރުކާރެއް އެކުލަވާލުމުގެ ފުރްސަތު ލިބޭނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފަ އެވެ.
އިންޑިޔާގެ ޕާލަމެންޓް ކަމަށްވާ ލޮކްސޮބާގެ 543 ގޮނޑިއަށް 543 މެންބަރުން އިންތިޚާބު ކުރަންޖެހޭއިރު ވޯޓު ދިނުމުގެ ހައްގު 814 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ލިބިފައި ވެއެވެ. ވޯޓުލުމަށް ޓަކައި މިލިޔަނެއްހާ އިންތިޚާބީ މަރުކަޒު އިންޑިޔާގެ ކަންކޮޅުތަކުގައި ގާއިމް ކުރުމަށްވެސް އިންޑިޔާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ. ބީޖޭޕީގެ ފަރާތުން އިންޑިޔާގެ ބޮޑުވަޒީރު ކަމަށް އަންނާނެ ކަމަށް ބެލެވިފައިވާ ނަރެންދުރަ މޮޑީއަކީ ގުޖުރާތުގެ އާދައިގެ އާއިލާއަކަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ ބޭފުޅެކެވެ.
މޮޑީގެ މަގްބޫލުކަން އިންޑިޔާގެ ސްޓޭޓްތަކުގައި އިތުރުވަމުން ދާއިރު ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ އިސްފަރާތްތަކުގެ މައްޗަށް ކޮރަޕްޝަނާއި އިންޑިޔާގެ އިގްތިސާދު އެކަށީގެންވާވަރަށް ކުރިޔަށް ގެންދިޔުމުގައި ނާކާމިޔާބު ވުމާއި ފަގީރުންނަށް ވެފައިވާ ވައުދުތައް ފުއްދައި ނުދިނުމުގެ ތުހުމަތުތަކާއެކު އެޕާޓީގެ މަގްބޫލުކަން ވަނީ ވަރަށްބޮޑަށް ދަށަށްގޮސްފަ އެވެ. އަނެއް ކޮޅުން މޮޑީ، ގުޖަރާތުގެ ޗީފް މިނިސްޓަރަކަށް ހުންނެވިއިރު 2001 ވަނަ އަހަރުގައި އެސްޓޭޓްގެ މުސްލިމުންނާ ދެކޮޅަށް ހިންދޫ ހަރުކަށި ފަރާތްތަކުން ހިންގި ލާއިންސާނީ ޢަމަލުތަކާއި ގަތްލު އާންމުތަކަށް ލޯމަރާލެއްވިކަމުގެ ތުހުމަތު މޮޑީގެ މައްޗަށްވަނީ ކުރެވިފަ އެވެ.
ގުޖުރާތުގެ މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލުތައް ހިންގި ހިންދޫ ހަރުކަށި ފަރާތްތަކަށް ހިތްވަރު ދެއްވިކަމުގެ ތުހުމަތު ވެސް މޮޑީގެ މައްޗަށް ކުރެވިފައި ވާތީ އިންޑިޔާގައި އޭނާ ސިފަކުރެވެނީ މުސްލިމުންނާ އިދެކޮޅު ބޭފުޅެއްގެ ގޮތުގައެވެ.
ނަމަވެސް މޮޑީ ގެންދަވަނީ ކޮންގެރެސްގެ ވެރިކަމުގައި ފާއިތުވެދިޔަ ދެ ދައުރުގައި އިންޑިއާގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުން ގައުމު ސަލާމަތްކޮށް އިންފްލޭޝަން ހިފަހައްޓައި ވަޒީފާތައް އިތުރުކޮށް ފަގީރުންގެ ހާލަތު ރަނގަޅުކޮށް ދޭނެ ކަމުގެ ވައުދުތައް ވަމުންނެވެ. މިވައުދުތަކާއެކު އިންޑިޔާގެ މެދުފަންތީގެ މީހުންނާއި ފަގީރުންގެ މެދުގައި އޭނާގެ މަގްބޫލުކަން ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނުވަ މަރްހަލާއަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ އިންޑިޔާގެ އާންމު އިންތިޚާބު މިއަދު ފެށޭއިރު މިއިންތިޚާބުގެ އެންމެ ފަހު މަރްހަލާގައި ވޯޓުލުން އޮންނާނީ މެއި މަހުގެ 12 ވަނަ ދުވަހު ކަމަށް އިންޑިޔާގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ބުނެއެވެ. (ނޫސްއެޖެންސީތައް)