ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އިން 16،000 ޓަނުގެ ތެޔޮ ޓޭންކަރެއް ގަތުމަށް ނިންމައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ސަން އަށް ވިދާޅުވީ، 16،000 ޓަނުގެ ތެޔޮ ޓޭންކަރެއް ގަތުމަކީ 12 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށެވެ.

"އަޅުގަނޑުގެ ވިސްނުމަކީ އެނާޖީ ގެ ޔަގީންކަން ރައްޔިތުންނަށް އެބަދޭންޖެހޭ. އެ ޔަގީންކަން ދިނުމަށް އިތުރު ޓޭންކަރެއް އެބަ ގަނަންޖެހޭ،" އާޒިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކައިރި މުސްތަގުބަލެއްގައި އެކަން ވެގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޓެންޑާއަށް ހުޅުވާލާނެ ކަމަށެވެ.

އޭގެ އިތުރުން ފުނަދޫއަށް ތެޔޮ ބޯޓް ކައިރި ކުރާ ބަނދަރަށް ބޮޑެތި ބޯޓުތަކަށް ބަނދަރު ކުރެވޭ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"މިހާރު ކައިރިކުރެވެނީ 8000 އެއްހާ ޓަނު. އަޅުގަނޑުމެން އެތަން ބޮޑުކުރަނީ 15،000، 16،000 ޓަނުގެ ބޯޓްތައް ކައިރިކުރެވޭވަރަށް." އާޒިމް ވިދާޅުވި އެވެ.