06 Apr 2014, 22:43
އެމްއެޗް370 ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް މުހިއްމު ކުރިއެރުމެއް ލިބިފައިވާ ކަމަށް އެކަމަށް މަސައްކަތް ކުރަމުން އަންނަ ގައުމުތަކުން އުފައްދާފައިވާ ޖޮއިންޓް އެޖެންސީ ކޯޑިނޭޝަން ސެންޓަރު ( ޖޭއޭސީސީ) އިން ބުނެފިއެވެ.
އެސެންޓަރުގެ ޗީފް ކޯޑިނޭޓަރު، އޮސްޓްރޭލިއާގެ ރިޓަޔާޑް އެއާ ޗީފް މާޝަލް އަންގުސް ހައުސްޓަން ވިދާޅުވި ކަމަށް ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީ ބުނީ ބްލެކް ބޮކްސް އެއްގެ ޕިންގް ސިގްނަލް ކަމަށް ބެލެވޭ ސިގްނަލް ޗައިނާގެ ބޯޓެއްގެ އިތުރުން އޮސްޓްރޭލިއާގެ ބޯޓަކަށް ވެސް ލިބިފައިވާ ކަމަށެވެ. އަދި އެއީ ލިބުނު ވަރަށް މުހިއްމު ކުރިއެރުމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެއީ ބްލެކްބޮކްސް ސިގްނަލް އަށް ނުވެދާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ބްލެކް ބޮކްސް ހޯދުމުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު ހޯދުމުގެ މަސައްކަތް ކުރާ އާލާތްތަކަކީ 37.5 ކިލޯހާޓްޒްގެ ފްރީކުއަންސީއެއް ނަގާ އާލާތްތަކެކެވެ. ފްލައިޓްގެ ރެކޯޑަރެއްގެ ގޮތުގައި ހަރުކުރެވިފައިވާ ބްލެކް ބޮކްސް ހޯދުމަށް ޕިންގާ ލޮކޭޓަރުތަކާއި އެކޯ ސިސްޓަމްތައް ބޭނުން ކުރަމުންދެ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.