އޮސްޓްރޭލިޔާގެ ކަނޑުގެ ސިފައިން ސިއްރިޔާތުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންގެންދާ މައްސަލައެއް ބޭޒާރުވެއްޖެއެވެ. އޮސްޓްރޭލިޔަން ބްރޯޑްކާސްޓިން ކޯޕަރޭޝަން ބުނިގޮތުގައި އެޤައުމުގެ ކަނޑުގެ ސިފައިންގެ ބޯޓުތަކާއި މަނަވަރުތަކުގައި ކޮކެއިންއާއި ހެރޮއިން އުފުލައި މިތަކެތީގެ ވިޔަފާރި އަހަރުތަކެއް ވަންދެން ކޮށްފައިވާ މައްސަލައެއް ވަނީ ބޭޒާރުވެފައެވެ.


ނަންހާމަކުރަން ނޭދޭ އޮސްޓްރޭލިޔާގެ ބައެއް އިސްފަރާތްތަކާ ޙަވާލާދީ އޮސްޓްރޭލިޔަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އޭ.ބީ.ސީ.) ބުނިގޮތުގައި އެޤައުމުގެ ކަނޑުގެ ސިފައިންގެ ބައެއް މަނަވަރުތަކުން މަސްތުވާތަކެތީގެ ޕާރުސަލްތަކެއް ފެނިފައިވާ ކަމަށާއި މިއީ ކޮކެއިންއާއި ހެރޮއިންގެ ޕާރުސަލްތަކެއްކަން ކަށަވަރުވެފައިވެއެވެ. މިތަކެތި ފެނިފައިވަނީ ހަނގުރާމައިގެ ފަރިތަކުރުންތަކެއް ނިންމާލުމަށްފަހު ސިޑްނީއަށް އެނބުރިއައި ކަނޑުގެ ސިފައިންގެ މަނަވަރުތަކުން ކަމަށްވެސް އޭ.ބީ.ސީ. ބުނެއެވެ. އޮސްޓްރޭލިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަކުން މަސްތުވާތަކެތި ފެނުމާގުޅިގެން ކުރެވުނު ތަޙްޤީޤްތަކުން ވަނީ މިމަނަވަރުތަކުގައި މަސައްކަތްކުރާ އޮސްޓްރޭލިޔާ ނޭވީންގެ އެތަށްބަޔަކުވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވެއެވެ. މި މައްސަލައާގުޅިގެން އޮސްޓްރޭލިޔާގެ ސިފައިންގެ މުޅި މުއައްސަސާވަނީ ވަރަށްބޮޑަށް ބޭޒާރުވެ ލަދުގެންފައެވެ.


ރިޕޯޓްތައް ބުނާގޮތުން އޮސްޓްރޭލިޔާގެ ކަނޑުގެ ސިފައިންގެ ބޯޓްތަކުން ސިއްރިޔާތުގައި އުފުލާ މަސްތުވާތަކެތި ވިއްކަނީވެސް އެޤައުމުގެ ރައްތަކުގައި. ޚާއްސަކޮށް ސިޑްނީ ގައި މިތަކެތި ވިއްކައި ވިޔަފާރުކުރިކަން މިހާރުވަނީ ހާމަވެފައެވެ. ބޭރުގެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވެފައި އެނބުރި ޤައުމަށް އަންނަ އޮސްޓްރޭލިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކަކީ އެޤައުމުގެ ކަސްޓަމުން ޢާންމު ގޮތެއްގައި ބަލައި ފާސްކުރާ ބޯޓުތަކެއްނޫން. ކަނޑުގެ ސިފައިންގެ މަނަވަރުތަކުގައި މަސްތުވާތަކެތި އުފުލާ މައްސަލަ ނުއެނގި އޮތީ މިކަމުގެ ސަބަބުން ކަމަށް ވެދާނެކަމަށް ޚަބަރުތައްބުނެއެވެ. މިމައްސަލާގައި މިހާތަނަށް ކުރެވުނު ތަޙްޤީޤްތަކުން މިއީ ވަރަށް ފުޅާދާއިރާއެއްގައި ހިނގަމުންދާ ކަމެއްކަމާއި މަސްތުވާތަކެތީގެ މިވިޔަފާރީގައި އޮސްޓްރޭލިޔާގެ ކަނޑުގެ ސިފައިންގެ ވަރަށް އިސް އޮފްސަރުންތަކެއްވެސް ހިމެނޭ ކަމަށް އޭ.ބީ.ސީ. ބުނެއެވެ.


 މަސްތުވާ ތަކެތީގެ މައްސަލަތަކެއްގައި އޮސްޓްރޭލިޔާގެ ސިފައިންގެ އެތަށް ސަތޭކަ ބަޔަކު މީގެ ކުރިންވެސް ހައްޔަރު ކޮށްފައިވެއެވެ.