އޭއެފްސީ ކަޕްގެ ގުރޫޕް އީގައި ސިންގަޕޫރުގެ ހޯމް ޔުނައިޑާއި ދެކޮޅަށް ކުޅުމަށް ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް މިރޭ ސިންގަޕޫރަށް ފުރައިފި އެވެ.

މުބާރަތުގައި ނިއުއިން މިހާތަނަށް ހަތަރު މެޗް ކުޅެފައި ވާއިރު، އެޓީމް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެމެޗަކީ މިދިޔަ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު މާލޭގައި ހޯމްޔުނައިޓެޑާ ދެކޮޅަށް ކުޅެ 1-0 ލަނޑުން މޮޅުވި މެޗެވެ.

ގްރޫޕް ސްޓޭޖްގެ ފަސް ވަނަ މެޗުގައި އަންނަ ބުދަ ދުވަހު ސިންގަޕޫރުގެ ހޯމް ޔުނައިޑާއި ދެކޮޅަށް ރަށުން ބޭރުގައި ނިއު ނުކުންނައިރު އެޓީމަށް ވަނީ ދެވަނަ ބުރަށް ދިޔުމުގެ އަމިއްލަ ބާރު ވެސް ގާތްގަޑަކަށް ގެއްލިފަ އެވެ.

ގްރޫޕްގައި ނިއު އޮތީ ތިން ޕޮއިންޓާއެކު އެންމެ ފުލުގަ އެވެ. ގްރޫޕްގެ އެއް ވަނަ މަގާމްގައި 10 ޕޮއިންޓާއެކު އޮތީ މިދިޔަ ބުދަ ދުވަހު ގަލޮޅު ދަނޑުގައި 2-0 ލަނޑުން ނިއު ބަލިކޮށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރު ކޮށްފައިވާ އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އެވެ. ގްރޫޕްގެ ދެ ވަނަ މަގާމްގައި ހަ ޕޮއިންޓާއެކު އޮތީ އިންޑިއާގެ ޗާޗިލް ބްރަދާސް އެވެ. އަދި ގްރޫޕްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު އޮތީ ސިންގަޕޫރުގެ ހޯމް ޔުނައިޓެޑެވެ.

ގްރޫޕް ސްޓޭޖްގައި ނިއު ކުޅޭ އެންމެ ފަހު މެޗުގައި މިމަހުގެ 23 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ނިކުންނާނީ އިންޑިޔާގެ ޗާޗިލް ބްރަދާސްއާ ދެކޮޅަށެވެ.