06 Apr 2014, 22:08
ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން ތަމްރީން ކުރުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ފަށައިފި އެވެ.
އެންއައިއީ އިން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިން އުމުރުގެ ވީހާވެސް ޅަފަތުގައި ދެނެގަނެ އެފަދަ ކުދިންނަށް އުނގެނުމަށް ކޮންމެހެން ބޭނުންވާ ފަންނީ ގާބިލުކަން އަތޮޅު ތެރޭގެ ޓީޗަރުންނަށް ފޯރުކޮށްދިނުމަށް މިއަދުން ފެށިގެން 12 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ފަސް އަތޮޅަކުން 10 ޓީޗަރުން ބައިވެރިވާ ކަމަށެވެ.
"ތަމްރީން ޕްރޮގްރާމުގައި ނ، ބ، ފ، ތ. އަތޮޅުގެ އިތުރުން ކ. މާފުށީ ސްކޫލުން ޓީޗަރުން ބައިވެރިވޭ. އެ ފަސް އަތޮޅުން ކޮންމެ އަތޮޅަކުން ދެ ޓީޗަރުން ބައިވެރި އެބަވޭ. އަދި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކު ވެސް އިންކްލޫސިވް އެޑިއުކޭޝަންގެ ދާއިރާއިން 80 ގަޑިއިރުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރާނެ،" އެ އިންސްޓިޓިއުޓް އިން ބުންޏެވެ.
އެ ތަމްރީން ޕްރޮގްރާމް ނިމިގެންދާއިރު، ތަފާތު ވައްތަރުގެ ނުކުޅެދުންތެރިކަމުން ފަށައިގެން އެފަދަ ކުދިންނަށް ކިޔަވައިދިނުމުގައި ކާމިޔާބު ޓީޗަރުން ބޭނުންކުރާ އުކުޅުތައްވެސް ދެނެގަނެވޭނެ ކަމަށް އެންއައިއީ އިން މައުލޫމާތު ދެއެވެ.
"ތަމްރީން ޕްރޮގްރާމް ނިމޭއިރު، ތަފާތުވައްތަރުގެ ނުކުޅެދުންތެރިކަމާއި ސިފަތައް ދެނެގަންނާނެ ގޮތާއި ސްޕެޝަލް އެޑިއުކޭޝަން ބޭނުންވާ ކުދިންގެ ގިންތި ތަކާއި ދަރަޖަތައް ދެނެގަންނާނެ ގޮތުގެ އިތުރުން ކިޔަވައިދިނުމުގައި ކާމިޔާބު ޓީޗަރުން ބޭނުންކުރާ އުކުޅުތަކާއި ވައްޓަފާޅި ދެނެގަނެ އައިއީޕީ ތައްޔާރުކުރާނެ ގޮތުގެ މައުލޫމާތާއި ހުނަރު ލިބުން ފަދަ މުހިއްމު އެތައްކަމެއް ހާސިލްވާނެ،" އެންއައިއީން ބުންޏެވެ.
ހދ. ކުޅުދުއްފުއްޓާއި ޏ. ފުވައްމުލަކުގައި ފެށުމަށް ހަމަޖެހިފައިވާ "އާލީ އިންޓަވެންޝަން" ގެ ފުރަތަމަ ފިޔަވަހީގެ ތަމްރީނުތައްވެސް މިއަދުން ފެށިގެން މިމަހުގެ 24 އާއި ހަމައަށް ހދ. ޓީޗާސް ރިސޯސް ސެންޓަރުގަ އާއި މާލޭގައި ކުރިއަށް ދާ ކަމަށްވެސް އެ އިންސްޓިޓިއުޓުން ބުންޏެވެ.
މީގެ އިތުރުން އެ ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ތަމްރީނު ކުރާ މުދައްރިސުންނަށް ރާއްޖެއިން ދިނުމަށް ކަނޑައެޅިފައިވާ ތަމްރީން ފުރިހަމަ ކުރުމަށްފަހު، ރާއްޖެއިން ބޭރުން ހާއްސަ ތަމްރީން ތަކެއް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށް އެންއައިއީން ބުންޏެވެ.