06 Apr 2014, 21:24
ދެ ކިލޯއަށް ވުރެ ގިނަ ކޮކެއިން ރާއްޖެއަށް އެތެރެކުރި ރަޝިޔާގެ ޒުވާން އަންހެނެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ޓޫރިސްޓެއްގެ ނަމުގައި މި ދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ބްރެޒިލްގެ ސައޯ ޕޯލޯއިން ރާއްޖެ އައި ޕްރޫތޯވާ އެންޖެލީނާ،25، ގެ ލަގެޖުން 2.5 ކިލޯ ގްރާމްގެ ކޮކެއިން ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ އެ އޮފީހަށް ހުށަހެޅިފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށާއި އެ މައްސަލަ ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެންޖެލީނާ އަކީ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކުރާ މީހެކެވެ. އޭނާ އަކީ ޔޫރަޕްގެ ގައުމުތަކަށް ކޮކެއިން ޓްރެފިކްކުރާ ބޮޑު ނެޓްވޯކަކާ ގުޅިގެން އެކި ގައުމުތަކަށް އެ ތަކެތި ގެންދާ މީހެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.