ފަތުރުވެރިކަމުގެ ސިނާއަތަށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތައް އެއް ތަނަކުން ބައްދަލުވުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ފުޑް އެންޑް ހޮސްޕިޓާލިޓީ އެގްޒިބިޝަން އެއް ބާއްވަން ނިންމައިފި އެވެ.

ދިވެހި އެކްސްޕޯ އިން އިސްނަގައިގެން، "ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އެގްޒިބިޝަން" ގެ ނަމުގައި ކުރިއަށްގެންދަން ނިންމާފައިވާ އެ އެގްޒިބިޝަންގެ މައުލޫމާތު ސަން އަށް ދެއްވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަޖުމަލް ވިދާޅުވީ، އެގްޒިބިޝަން ކުރިއަށްދާނީ އަންނަ އޮގަސްޓް މަހުގެ 24 އިން 26 އަށް ދަރުބާރުގޭގައި ކަމަށެވެ. އަދި އެ އެގްޒިބިޝަންގައި "އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް 2014" ގެ ނަމުގައި ކަލިނަރީގެ މުބާރާތެއް ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަޖުމަލް ވިދާޅުވީ، އެގްޒިބިޝަންގަ އާއި ކަލިނަރީ ޗެލެންޖުގައި ދުނިޔޭގެ މަޝްހޫރު ކުންފުނިތަކާއި ކައްކާއިން ބައިވެރިވާނެ ކަމަށެވެ. އަދި މިހާރުވެސް އެގްޒިބިޝަންގެ 60 ޕަސެންޓް ސްޓޯލްތައް ވިކިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގަ ބައިވެރިވެ ލައްވާނެ އިންޓަނޭޝަނަލް ސަޕްލަޔާސް އެކިއެކި ގައުމުތަކުން. މިހާރުވެސް އެ އެގްޒިބިޝަންގައި ދުނިޔޭގެ މަޝްހޫރު ޕްރޮޑަކްޓް ލައިންތަކެއްވެސް ހިމެނޭ. އަޅުނގަޑުމެންގެ އަމާޒަކީ ސާކް ރީޖަންގައި ބާއްވާ އެންމެ ބޮޑު ހޮސްޕިޓާލިޓީ އިވެންޓަށް މި އިވެންޓް ހެދުން،" އޭނާ ވިދާޅުވި އެވެ.

އަޖުމަލް ވިދާޅުވީ، ކަލިނަރީ ޗެލެންޖުގައި ރާއްޖެއާއި ރާއްޖޭން ބޭރުން ގާތްގަނޑަކަށް 300 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށާއި އެ ޗެލެންޖުގައި ބައިވެރިން ތައްޔާރުކުރާ އެއްޗެހި ޖަޖް ކުރާނީ، ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީސް އިން ކަނޑައަޅާ ޖަޖުން ކަމަށެވެ.

ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީއިންވެސް ބައިވެރިވާ އެ އެގްޒިބިޝަން އަކީ އިކޮނޮމިކް މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމްގެ އިތުރުން ސްރީ ލަންކާގެ ޝެފްސް ގިލްޑް އޮފް ލަންކާގެ އެހީތެރިކަމާ އެކުގައި ބާއްވަން ނިންމާފައިވާ އެގްޒިބިޝަން އެކެވެ.